އެފްއޭއެމް ލީގު ކަޕް: އޮޑި ބަލިކޮށް ނިއުރޭޑިއަންޓް ސެމީއަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އެފްއޭއެމް ލީގު ކަޕް 2025"ގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗު ނިއުރޭޑިއަންޓުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 17 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުން ވަނީ ގޯލެއް ކާމިޔާބުކޮށް އޮޑީގެ މައްޗަށް ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ތޯރިގް ޖެބްރިންއެވެ.
މި މެޗުގައި ނިއުރޭޑިއަންޓުން ޖެހި ދެވަނަ ގޯލު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އިބްރާހިމް ރިޒްހާންއެވެ.
އެފްއޭއެމް ލީގު ކަޕްގެ ގުރޫޕް ސްޓޭޖުގައި ބާކީ އަދި ދެ މެޗު އެބަ އޮތެވެ. ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް މިހާރު ވަނީ ކަށަވަރު ވެފައެވެ. މިގޮތުން ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް އެއްވަނައިގައި އޮތްއިރު، ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ނިއުރޭޑިއަންޓް ވަނީ ޓޭބަލްގެ ދެވަނައަށް ޖެހިލައިފައެވެ.
ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދާފައިވަނީ ޓޭބަލްގެ ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބާއި، ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބެވެ.
އިތުރަށް





.gif.gif&w=828&q=100)
