
ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސް އާސެނަލް އަށްވުރެ ކުރިން ޔޫރަޕްގެ ތައްޓެއް އުފުލާލައިފި
މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށް ތަށްޓެއް ނުލިބި ދިޔަ 17 އަހަރުގެ ހުސްކަމަށް ނިމުމެއް ރޭ ގެނެސްފި އެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ރެލިގޭޝަނުން ޒޯނުން ކިރިޔަކިރިޔާ ސަލާމަތްވެފައިވާ މި ދެ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ހަމަހަމަ ކުޅުމެއް ދައްކައި ފުރުސަތުތަކެއް އުފައްދާފައެވެ. އަދި ޓޮޓެންހަމް ވަނީ 42 ވަނަ މިނެޓްގައި ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ޕަޕެ ސާގެ ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޓޮޓެންހަމްގެ ބްރެނަން ޖޮންސަންއެވެ.
މި ގޯލަށް ފަހު ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ އެޓޭކް އުފައްދަން މަސައްކަތްކުރިއިރު، ޓޮޓެންހަމުން ދިޔައީ ޑިފެންސަށް އިސްކަންދީގެން ކުޅެމުންނެވެ. ޔުނައިޓެޑުން އެއްވަރުކުރުމާ ވެސް ދާދި ގާތަށް އެއް ފަހަރު ދިޔަ އެވެ. ޓޮޓެންހަމްގެ ގޯލްކީޕަރަށް ގުގްލިއެލްމޯ ވިކާރިއޯ އަށް ހެދުނު ގޯހަކުން ޔުނައިޓެޑުގެ ފޯވާޑް ރަސްމުލް ހުލެންޑަށް ލިބުނު ބޯޅަ ބޮލުން ގޯލަށް ފޮނުވާލި އެވެ. އެ ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވޭން ޑަ ވީން އެވެ.
ދެވަނަ ހާފް ފެށިގެން ޓޮޓެންހަމްގެ އަމާޒަކަށްވީ ބައިކޮޅަށް ލަނޑެއް ނުވެއްދުމެވެ. ޓޮޓެންހަމްގެ ހާފު ތެރޭ އަޅާފައި އޮތް "ފާރު" ރޫޅާލުމަށް ޔުނައިޓެޑް އިން މަސައްކަތްކުރިނަމަވެސް ކާމިޔާބުނުވިއެވެ.
މި ކާމިޔާބީއާއެކު ޓޮޓެންހެމް ހޮޓްސްޕާ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ. މިއީ ޕްރިމިއާ ލީގުގައި 21 މެޗަކުން ބަލިވެ، ނާއުންމީދީ ހާލަތެއްގައި އޮތް ޓީމަކަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
މީގެ އިތުރުން ޓޮޓެންހަމްގެ ސަޕޯޓަރުން 41 އަހަރަށް އިންތިޒާރުކުރަމުން އައި ޔޫރަޕިއަން ޓްރޮފީގެ ހުވަފެން ވެސް އަސްލަކަށް ވެއްޖެއެވެ.
ރޭ ޓޮޓެންހަމްގެ ތަށި އުފުލާލަދިނީ 2015 އިން ފެށިގެން އެ ޓީމަށް ވަފާތެރި ދެކުނު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން އެވެ. އެހެން ކްލަބްތަކުން އޮފާ ލިބުނު ނަމަވެސް ޓޮޓެންހަމްގައި މަޑުކުރި ކެޕްޓަން ސޮން އަށް މިއީ އެ ޓީމާ އެކު ހޯދުނު ފުރަތަމަ ތަށްޓެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

