
އެފްއޭމް ރައީސްކަމަށް ޓޮމް ކުރިމަތިލައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފުލް މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެކު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) ކެންޑިޑެސީ ހުށަހަޅައިފި އެވެ.
މި މަހު 26 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އިންތިހާބަށް މިއަދު ތޯރިގު ކެންޑިޑެސީ ހުށަހެޅީ 23 ކްލަބްގެ ތާއީދާ އެކު އެވެ. މިއީ، އެފްއޭއެމްގެ ފުލް މެމްބަރުކަން ދީފައިވާ ހުރިހާ ކްލަބެކެވެ.
ތޯރިގުގެ ޓީމުގައި ހިމެނެނީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި)، އަދި ނައިބު ރައީސުންގެ ގޮތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، އަދި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ.
ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމަނައިފައިވެ އެވެ.
އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.
އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ކިބާގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެ އެވެ.
މިކަަންކަމާ ގުޅިގެން އެމްއޭމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
