
ދަނގަނޑޭ އެނބުރި ނިއުރޭޑިއަންޓަށް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ކުރިއަށް އޮތް ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓަށް ކުޅެން އެއްބަސްވެއްޖެ އެވެ.
ނިއުގެ ފޭސްބުކް ޕޭޖުގައި އިއްޔެ ހަވީރު ވަނީ "އަންނަނީ! އަންނަނީ!" ނަމުގައި ޕޯސްޓެއް ޖަހައި ބުރާސްފަތި ދުވަހު ބޮޑު ކަމެއް އިއުލާންކުރަން އުޅޭކަމުގެ އިޝާރާތެއްކޮށްފަ އެވެ. އެ ޕޯސްޓުގައި، ކާކުކަން ނޭނގޭނެހެން ޖަހާފައިވާ ފޮޓޯ އިން ފެންނަނީ ދަގަނޑޭ އެވެ.
މިކަމާ ގުޅޭ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ނިއުގެ ޗެއާމަން އަހްމަދު މުބީން ވިދާޅުވީ ނިއު ފަސްޓް ޑިވިޝަނަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ސްކޮޑްއަށް ބަލާލުމުން އެކަން ކަށަވަރުވާނެ ކަމަށެވެ. ސީދާ ދަނގަނޑޭ ނިއުއާ ގުޅޭވާހަކަ ވިދާޅުވިނުވި ނަމަވެސް މުބީންގެ ވާހަކަތަކުން ދަގަނޑޭ ގުޅެން އުޅޭކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.
ދަގަނޑޭ އަންނަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރި ކަކުލުގެ ބޮޑު އޮޕަރޭޝަނަށް ފަހު ރިކަވާވަމުންނެވެ. އޭނާ ވަނީ ދާދި ފަހުން މަޖީދިއްޔާ ސްކޫލުގެ ބެލެނެވެރިންނަށް ބޭއްވި މިނީ ފުޓްސަލް މުބާރާތެއްގައި ވެސް ކުޅެފަ އެވެ. ދެ ވަނަ ޑިވިޝަން ފަށާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރުގައި ކަމުން، އެހާތަނަށް ދަގަނޑޭ އެއްކޮށް ފިޓްވާނެ އެވެ.
ދަގަނޑޭ މިދިޔަ އަހަރު އޮޕަރޭޝަންކުރީ ކަނާތު ކަކުލުގެ އަނިޔާއެއްގެ ވޭނުގައި އުޅޭތާ ފަސް އަހަރު ފަހުންނެވެ. އޭނާގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސް އަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައަކަށް އެ އޮޕަރޭޝަނުގައި ފަރުވާ ހޯދި އެވެ.
ދަގަނޑޭ އޭރު ބުނީ އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ އަނިޔާއިން ރިކަވާ ވުމަށް ކަމަށެވެ. އަލުން ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ރިކަވަރީ އަށް ފަހު ކަމަށް ވެސް އޭރު ބުންޏެވެ.
ބެލެވޭ ގޮތުގައި އުމުރުން 39 އަހަރުގެ ދަގަނޑޭ ދެން ކުޅޭނީ ގިނަ ވެގެން އަހަރެއްހާ ދުވަހު އެވެ. އޭގެ ފަހުން އޭނާ ރިޓަޔާކުރާނެ ކަމަށް ބެލެވެ އެވެ.
ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއުއަށް ކުޅެ، އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭނާ އެންމެ ފަހުން ނިއުގެ ޖާޒީގައި ފެނިފައިވަނީ 2017-2018 ގައެވެ. މީގެ ހަތް މަސް ކުރިން ކަކުލުގެ އޮޕަރޭޝަނެއް ކުރި ދަގަނޑޭ އަންނަނީ ރެކްރިއޭޝަނަލް ލެވެލްގެ އެކި މުބާރާތްތަކުގައި ކުޅެމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

