logo
logo
2  އަހަރު ފަހުން ދަގަނޑޭ އެނބުރި ގަލޮޅު ދަނޑަށް، ނިއުއަށް މޮޅެއް

2 އަހަރު ފަހުން ދަގަނޑޭ އެނބުރި ގަލޮޅު ދަނޑަށް، ނިއުއަށް މޮޅެއް

2025 ޑިސެމްބަރު 28
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އަނިޔާގެ ސަބަބުން ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އަލީ އަޝްފާގް (ދަގަނޑޭ) އެނބުރި އައި މެޗުން މިރޭ، ދިރާގު ދިވެހި ލީގުގައި ބުރު ސްޕޯޓްސް އަތުން 3-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ނިއު އިން ވަނީ 12 މެޗުން 23 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 12 މެޗުން 28 ޕޮއިންޓް އަދި، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ކުރިން ތިން ވަނައިގައި އޮތް ބުރު މިހާރު ހަތަރެއްގައި އޮތީ 12 މެޗުން 20 ޕޮއިންޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނިއު އިން ލީޑުނެގީ 26 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުންނެވެ. މިއީ، ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން އޭރިއާތެރެއިން ތިރިތިރިން ގޯލަށް ފޮނުވާލައިގެން ހަންނަ ޖެހި ގޯލެކެވެ.

ނިއުގެ ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި ވައްދާލީ ސެންޓޭ އެވެ. ނިއުގެ ފަހަތުން ފޮނުވާލި ބޯޅައެއް ބުރުގެ ކުޅުންތެރިން ދިފާއުކުރަން އުޅުމުގެ ތެރޭގައި، އެއްވެސް ކުޅުންތެރިއަކަށް ލައްވާނުލައި އެ ބޯޅަ ވެއްޓުނީ އޭރިއާ ރޮނގުމަތިން ސެންޓޭ އަށެވެ. އޭނާ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ އެވެ. ނިއުގެ ތިން ވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ވެސް ސެންޓޭ އެވެ.

ދަގަނޑޭ މިރޭ ކުޅެން ނުކުތީ 80 ވަނަ މިނެޓުގަ އެވެ. އޭނާ އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ.

މީގެ ހައެއްކަ އަހަރު ކުރީއްސުރެ އޭނާ ތަހައްމަލުކުރަމުން އަންނަ ކަކުލުގެ އަނިޔާ އަށް ފަރުވާ ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާގައި އޭސީއެލް އޮޕަރޭޝަނެއް ވެސް ކުރި އެވެ. އޭގެ ފަހުން ރިކަވާވެގެން ބައެއް ފުޓްސަލް މުބާރާތްތަކުގައި ވެސް ކުޅުނެވެ. އަދި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުއާ އެކު ސޮއިކޮށް ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެން ތައްޔާރުވި އެވެ.

މި މެޗުގައި ނިއުގެ ގޯލު ބެލެހެއްޓީ، ކ. ގުރައިދޫ ގޯލްކީޕަރު، އަހުމަދު ސަމީރު އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެން ފަށާނީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅޭނީ މާޒިޔާއާ އެވެ. އަދި އެރޭ ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވެލެންސިއާއާ ބައްދަލުކުރާނެ އެވެ. އަދި، ފަސް ވަނަ ދުވަހު، ހަވީރު، ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، އެރޭ ބުރު އާއި ގްރީން ސްޓްރީޓްސް ވާދަކުރާނެ އެވެ. އަދި، ހަ ވަނަ ދުވަހުގެ ރޭ ނިއު އިން ކުޅޭނީ އޮޑިއާ އެެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް