
އިންވެސްޓަރުންނަށް ހާއްސަ ވިސާ އަންނަ މަހު ތައާރަފުކުރަނީ
'ޕާލް ރެޒިޑެންސް ވިސާ'ގެ ނަމުގައި އިންވެސްޓަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ތައާރަފު ކުރާ ރެޒިޑެންސީ ވިސާ ތައާރަފު ކުރުމަށް އެޓާނީ ޖެނެރަލްއާ އެކު ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ޓާގެޓަކީ އަންނަ މަހު އެ ވިސާ ރާއްޖޭގައި ތައާރަފު ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރާއްޖެއިން ވަނީ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ސާވިސް އެގްރިމެންޓުގައި ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކޮށްފަ އެވެ.
މި މަސައްކަތާ ގުޅޭ ގޮތުން ސައީދު މިއަދު ވިދާޅުވީ ޓާގެޓަކީ ޕާލް ރެޒިޑެންސީ އަންނަ މަހު ރާއްޖޭގައި ތައާރަފު ކުރުން ކަމަށެވެ.
"ބައެއް ފަރާތްތަކަށް އެ ކޮމްޕެއާ ކުރެވޭ ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑަން ވިސާ ޕްރޮގްރާމާ. އަޅުގަނޑަށް އެނގޭ އެއްޗަކީ އެކަން މި ކުރަނީ ދުނިޔޭގެ ނަންބަރު ވަން ކުންފުންޏާ އެކު. ހެންލީ އެންޑް ޕާޓްނާސްއަކީ މި ވިޔަފާރީގައި އުޅޭ އެންމެ ވަރުގަދަ ފަރާތް. އެ ބޭފުޅުން 33 ގައުމުގައި ހަރަކާތްތެރިވޭ. ވަރަށް ވަރުގަދަ ނެޓްވޯކެއް އޮވޭ،" ސައީދު ވިދާޅުވި އެވެ.
އެ ނެޓްވޯކުގެ ތެރެއަށް ރާއްޖެ އަންނަނީ، ސައީދު ވިދާޅުވި ގޮތުގައި، ވަރުގަދަ ބްރޭންޑެއްގެ ގޮތުގަ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް އާ ދެ ވިސާއެއް ތައާރަފު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް އަންނަ ލޮޅުން ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް މިހާރު އޮން އެރައިވަލް ވިސާގެ ގޮތުގައި ދޭ 30 ދުވަސް އިތުރު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން، ރާއްޖެ އައިސް ތިބެގެން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް 'ރިމޯޓް ވޯކިން ވިސާ' އާއި 'ކޮންޓެންޓް ކްރިއޭޓަރުން'ނަށް ހާއްސަ ވިސާއެއް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވިި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް ނެތް: ސައީދު2026 މާރިޗު 24
އެއްވެސް ރައީސަކު ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް ދެއްވާފައެއް ނުވޭ: ސަޢީދު2026 ޖެނުއަރީ 03
ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕަކީ ސަރުކާރަށް އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫޢެއް: ސަޢީދު2025 ޑިސެމްބަރު 12
ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓް ލިބިއްޖެ: ސަޢީދު2025 ނޮވެމްބަރު 29