
އެއްވެސް ރައީސަކު ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް ދެއްވާފައެއް ނުވޭ: ސަޢީދު
ޒައުޖަތު އަޙުމަދުކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް އެހެން ރައީސަކު ދެއްވާފައި ނުވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ތަރުޖަމާނު ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނަތީޖާ ނެރޭވޭނެ ފިޔަވަޅުތަކެއް މީގެ ކުރިން އެއްވެސް ވެރިއަކު އަޅުއްވާފައި ނެތް ކަމަށް ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުސްވި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން ކެބިނެޓުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މިކަމުގެ ތަފްސީލްތަށް ހާމަކުރައްވަމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިޔަފާރިތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީސް އިސްވެ އިރުޝާދު ދެއްވި ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް އިޤްތިޞާދީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ކަމަށާއި، ނަމަވެސް ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އަހަމީއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
"ރައީސް އަޑުއެއްސެވި އެވާހަކަ. މިއީ ދައުލަތުގެ އެކި އިދާރާތަކާއި ގުޅުން ހުރި ކަންކަން ވީމަ، ސީދާ ރައީސް އޮފީހުންވެސް އެކަމުގެ އިރުޝާދުތަކެއް ގޮސްފައިވަނީ އެކި އިދާރާތަކަށް. ކުދި ވިޔަފާރިތަކުން މި ޝަކުވާތައް އުފުއްލާފައޭ ވަނީ، މިކަމުގައި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް. މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު މިހާ ފޯކަސްޑްކޮށް މިހާ ނަތީޖާ ނެރެވޭ ގޮތަށް މިއިންތިޒާމުތައް ހަމަޖެއްސެވި ކަމަށް ޤަބޫލެއް ނުކުރެވޭ އެއްވެސް ޒަމާނެއްގައި. " ވަޒީރު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިގޮތުން ޚިދުމަތް ދޭ ގަޑި އިތުރުކޮށް މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 3 ދުވަހާއި ގަޑިއިރުތަކުން 5 ދުވަހާއި ގަޑިއިރުތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފައިސާ ނުލިބިވާ ކުންފުނިތަކަށް އެކަމުގައި ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މީރާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ފައިދާ ވިޔަފާރިތަކަށް ވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



