logo
logo
ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕަކީ ސަރުކާރަށް އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫޢެއް: ސަޢީދު

ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕަކީ ސަރުކާރަށް އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫޢެއް: ސަޢީދު

2025 ޑިސެމްބަރު 12
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕަކީ ސަރުކާރަށް އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫޢެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޓައުންޝިޕް މަޝްރޫޢާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ސަޢީދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަރަށް، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ ޤާނޫނުގެދަށުން، ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ ދެވިފައިވާ ކަމަށާއި މި މަޝްރޫޢަކީ 790 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ރުފިޔާގެ އަގުން ނަމަ 12.2ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވެގެންދާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއަން އޯޝަންގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭނެ ތަފާތު މަޝްރޫޢަކަށް ކަމަށާއި މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމް ކުރުމުގެ އިތުރަށް، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި، %60 އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމުވާނެ ކަމަށެވެ.

"މީގެއިތުރަށް، ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއް ހިމެނޭނެ. ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސް.އީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫއެއް." ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސަޢީދު އިތުރަށް ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމުދަނީ ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢަކީ ރާއްޖޭގައި ތިބެގެން، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ މަޝްރޫޢެއް ކަމަށެވެ.

މިމަޝްރޫޢު 2028އަށްނިންމާލެވޭނެކަމަށް މި ޓައުންޝިޕުގައި އިންވެސްޓްކޮށް ޑިވެލޮޕްކުރާފަރާތުން ސަރުކާރަށް މަޢުލޫމާތުދެއްވާ ކަމަށް ވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

ސަޢީދު އިތުރަށް ވިދާޅުވީ ސްޕެޝަލްއިކްނޮމިކް ޤާނޫނަށް ހަޤީޤީމާނާގައި ޢަމަލުކުރަންފަށައި އެޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ވަނީގެނެސް ނިމިފައިވާ ކަމަށާއި މިފަދައެތައް ކަމަކުން ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ މެނިފެސްޓޯ ޙަޤީޤަތަކަށްވަމުން އައުމަކީ ރައްޔިތުންނާއި ޤައުމަށްލިބިގެންދާ ނުހަނުބޮޑު ކުރިއެރުމެއް ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް