ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށް އެ ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި މެލޭޝިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި މަޝްވަރާތަކުގެ އިތުރުން 4 ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ދެ ޤައުމުގެ ދެމެދު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޞިއްހީ، ކުޅިވަރު، ތަޢުލީމުގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތައް އެކުލަވާލިއެވެ.
މީގެ އިތުރުން މެލޭޝިއާ ދަތުރުފުޅުގައި ރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމްވެސް ވަނީ ބާއްވާފައެވެ. މި ފޯރަމުގައިވެސް ދެ ޤައުމުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެހެންމެ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އަދި މެލޭޝިއާގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ހެއްދޭނެ ޚިދުމަތް ރަސްމީކޮށް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަން ރަސްމީކޮށް ރައީސް އިފްތިތާޙުކޮށްދެއްވިއެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އަރުވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒާއެކު ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރަށް





.gif.gif&w=828&q=100)