logologologologo
STO
ޚަބަރު

ފެބުރުއަރީމަހު މީރާއަށް ލިބުނު އާމްދަނީ %5.4 އިތުރު!

ފެބުރުއަރީމަހު މީރާއަށް ލިބުނު އާމްދަނީ %5.4 އިތުރު!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 މާރިޗު 11

މިއަހަރުގެ ފެބުރުއަރީ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އާމްދަނީ ވަނީ %5.4 އިތުރުވެފައެވެ.

މިއަހަރުގެ ފެބުރުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ މިދިޔައަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.4 އިތުރު އަދަދެކެވެ.

ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 1.23 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 401.4 މިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިޔަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ ފެބުރުއަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް