ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދޭ ހަމަލާތަކުގެ ބަދަލުހިފާނަން: ޕޫޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ނަމަވެސް، ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލާފައި ނުވާތީ، އެކަމުގެ ބަދަލުހިފުމުގެ ފިޔަވަޅުތައް އެޅުން ކޮންމެހެންވެސް އޮންނާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ކްރެމްލިންގައި ސަރުކާރުގެ އިސްވެރިންނާއި ތެލުގެ ދާއިރާގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޕޫޓިން ވިދާޅުވީ، ހަކަތައިގެ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް ޓްރަމްޕް ސީދާ އެދިވަޑައިގެންނެވި ނަމަވެސް ކީވްގެ ވެރިން އެ އިރުޝާދަށް ބޯނުލަނބާ ކަމަށެވެ. އެހެންކަމުން ރަޝިޔާގެ ފަރާތުން ބަދަލުހިފުމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެންވެސް ހިނގާނެ ކަމެއް ކަމަށް ވިދާޅުވެ، ހަކަތައިގެ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ޕޫޓިން އަމުރުކުރެއްވިއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި ޓްރަމްޕް އިޢުލާންކުރެއްވި ހަކަތައިގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހަމަލާތައް މަޑުޖެހުނު ނަމަވެސް، އެ މަހުގެ ފަހުކޮޅު ޔޫކްރެއިނުން ވަނީ އަލުން ހަމަލާތައް ފަށާފައެވެ. ޔޫކްރެއިނުން ބުނެފައިވަނީ ރަޝިޔާގެ ހަކަތައިގެ އަމާޒުތަކަށް ހަމަލާދިނުން ހުއްޓާލާނީ ރަޝިޔާއިންވެސް އެކަން ހުއްޓާލުމުން ކަމަށެވެ.
ރޮއިޓާސްއަށް މަޢުލޫމާތު ދިން ތެލުގެ ދާއިރާގެ މަޞްދަރުތަކުން އަންދާޒާކުރާ ގޮތުގައި، އޮކްޓޫބަރު މަހުގެ ފަހުކޮޅުން ފެށިގެން ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ކާރުޚާނާތަކުން ސާފުކުރާ ސާފުނުކުރާ ތެލުގެ މިންވަރު ވަނީ 45 އިންސައްތަ ދަށްވެފައެވެ. މީގެ ސަބަބުން ރަޝިޔާގެ އެކި ސަރަޙައްދުތަކުގައި ޕެޓްރޯލާއި ޑީސަލް ވިއްކުން ކޮންޓްރޯލް ކޮށްފައިވާއިރު، އޮކްޓޫބަރު މަހު އުފުލުނު ޕެޓްރޯލްގެ އަގުތައް މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ. ވަކިން ބޭއްވި އިންޓަވިއުއެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، ހޮނިހިރު ދުވަހު ގަލްފް އޮފް ފިންލޭންޑުގައި އޮތް ރަޝިޔާގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ "ސްޕާޓާ 2" އަށް ދިން ޑްރޯން ހަމަލާގެ ޒިންމާ އުފުއްލަވާފައެވެ. އެ ބޯޓަކީ ހަތިޔާރު އުފުލަމުންދިޔަ ބޯޓަކަށް ވާތީ އެއީ ޤާނޫނީ ގޮތުން ހަމަލާދިނުން ހުއްދަ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ނުތަނަވަސްކަން އަވަށްޓެރި ޤައުމުތަކަށްވެސް ފުޅާވަމުންދާއިރު، ރަޝިޔާގެ ސަވައިލަންސް ޑްރޯނެއް ޤަޞްދުގައި ޕޯލެންޑުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމަށް ޕޯލެންޑުން އަންގާރަ ދުވަހު ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ތިން މިސައިލެއް ޕޯލެންޑަށް ވެއްޓިފައިވާ ކަމަށް ވޯސޯއިން ބުނާއިރު، އެސްޓޯނިއާއިން އެ ޤައުމުގެ އެއްގަމު ބޯޑަރު ބަންދުކުރުމަށް ނިންމުމާ ގުޅިގެން އެއީ ހުޅުވިފައިވާ ހަނގުރާމައަކަށް މަގުފަހިވާ ފަދަ ޢަމަލެއް ކަމަށް މޮސްކޯއިން ވަނީ ބުނެފައެވެ. ހަމައެއާއެކު އާދީއްތަ ދުވަހު ލީބިޔާގެ ބަނދަރެއްގައި އޮތް ރަޝިޔާގެ އަސްކަރީ މަނަވަރެއް ޔޫކްރެއިނުން ކަނޑުގެ ޑްރޯން ބޭނުންކޮށްގެން ފައްތާލާފައިވާއިރު، ޔޫކްރެއިނަށް އެހީތެރިވާ އިނގިރޭސި ކުންފުނިތަކަށް ރަޝިޔާއިން ގެއްލުންދީފާނެ ކަމުގެ އިންޒާރު އިނގިރޭސި ސަލާމަތީ އިދާރާތަކުން ވަނީ ދީފައެވެ.
އަނެއްކޮޅުން، އަންގާރަ ދުވަހުގެ ރޭ ރަޝިޔާއިން ޔޫކްރެއިންގެ ޒަޕޮރީޒިއާ ސިޓީއަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެ، ހަތަރު ކުޑަކުދިން ހިމެނޭހެން 40 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު މިޚައިލޯ ސެމިކިން ވިދާޅުވިއެވެ. އަދި ޔޫކްރެއިންގެ ސޫމީ ސަރަޙައްދުގައި ހުރި ޑްރޯން ކޮންޓްރޯލް މަރުކަޒުތަކަށާއި ސްޓާލިންކް ސެޓެލައިޓް ޓާމިނަލްތަކަށް ހަމަލާދީ ޔޫކްރެއިންގެ ގިނަ އަދަދެއްގެ ސިފައިން މަރާލާފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއާ ހަވާލާދީ އިންޓަފެކްސް ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.

.gif.gif&w=828&q=100)


