logologologologo
STO
ދުނިޔެ

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިޔާގެ މަނަވަރަކަށް ޔޫކްރެއިންއިން ޑްރޯން ހަމަލާއެއް ދީފި

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިޔާގެ މަނަވަރަކަށް ޔޫކްރެއިންއިން ޑްރޯން ހަމަލާއެއް ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 23

ލީބިޔާގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ބެންޣާޒީ ބަނދަރުގައި އަޅާފައި އޮތް ރަޝިޔާގެ އަސްކަރީ މަނަވަރަކަށް ކަނޑުގެ ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އެ އުޅަނދުގައި ގޮވުމެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އިރުމަތީ ލީބިޔާގައި ވެރިކަންކުރާ ސަރުކާރާއި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހު ބެންޣާޒީގެ މަދަނީ ބަނދަރުގައި އަޅާފައި އޮތް މި އުޅަނދަށް ދިން ހަމަލާގައި ރަޝިޔާ އަދި ލީބިޔާގެ ބައެއް ރައްޔިތުން ވަނީ މަރުވެފައެވެ. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ހަމަލާ އަމާޒުވެފައިވަނީ ރަޝިޔާ ކަނޑުގެ ސިފައިންގެ ކުޑަ މަނަވަރެއް ކަމަށްވާ "މާކިއުރީ" އަށެވެ. މި ހަމަލާގައި އެ މަނަވަރުގެ ބޮޑު ބައެއް އަޑިއަށް ގޮސް ބަންޑުން ޖަހާލާފައިވާއިރު، ފެނުން މައްޗަށް ފެންނަން އޮތީ އުޅަނދުގެ ކުރީކޮޅު އެކަންޏެވެ.

މަސްދަރުތަކުން މަޢުލޫމާތު ދޭ ގޮތުގައި، ހަތިޔާރާއި ވަޒަނުގެ އިތުރުން ޑްރޯން ބަރުކޮށްގެން އޮތް މި މަނަވަރަށް ތިން ޑްރޯނަކުން ހަމަލާދިން މަންޒަރު އެ ސަރަޙައްދުގެ އާންމުންނަށް ވަނީ ފެނިފައެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ހުޅަނގު ލީބިޔާގައި ޔޫކްރެއިން ސިފައިން ހިންގާ މަރުކަޒަކުން ފޮނުވާލި ކަނޑުގެ ޑްރޯންތަކަކުންނެވެ. މީގެ އިތުރުން އާދީއްތަ ދުވަހުގެ ހަވީރު ބެންޣާޒީ ބަނދަރު ބޭރުގައި އޮތް މޯލްޓާގެ ދިދަ ޖެހި ވިޔަފާރި އާގުބޯޓަކަށްވެސް ޑްރޯން ހަމަލާއެއް އަމާޒުވެ، ފަޅުވެރިންނަށް އަނިޔާވެގެން ފަރުވާ ދެމުންދާއިރު، އިތުރު 12 ކަނޑުގެ ޑްރޯން ލީބިޔާގެ ސިފައިން ވަނީ ގޮއްވާލައި ނައްތާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިރުމަތީ ލީބިޔާގެ ސަރުކާރުން ވަނީ ރަޝިޔާއާ ގުޅިގެން ޖޮއިންޓް ތަޙުޤީޤެއް ފަށާފައެވެ. އަދި އެ ސަރުކާރުގެ ބޮޑުވަޒީރު އުސާމާ ޙައްމާދު ވަނީ، މި ހަމަލާތަކަކީ ލީބިޔާގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށް ވިދާޅުވެ، ބައިނަލްއަޤްވާމީ ތަޙުޤީޤެއް ހިންގައިދިނުމަށް އދ. ގެ އާންމު މަޖިލީހަށާއި ސަލާމަތީ މަޖިލީހަށް ރަސްމީކޮށް ހުށަހަޅުއްވާފައެވެ. ލީބިޔާއަކީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ބައިވެރިއެއް ނޫން ކަމަށާއި، ބޭރު ޤައުމުތަކުގެ ހަނގުރާމަތައް ހިންގާ މައިދާނަކަށް ލީބިޔާގެ ބަނދަރުތަކާއި ކަނޑުގެ ސަރަޙައްދު ހެދުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށްވެސް އެ ސަރުކާރުން ބުނެފައިވެއެވެ.

އދ. އިން ލީބިޔާއަށް ކަނޑައަޅާފައިވާ މިޝަން (ޔޫއެންއެސްއެމްއައިއެލް) އިންވެސް ވަނީ މި ހަމަލާތަކުގެ މިނިވަން ތަޙުޤީޤެއް ހިންގުމަށް ގޮވާލައި، ބޭރުގެ ހަނގުރާމަތަކުގެ ޝިކާރައަކަށް ލީބިޔާ ވެގެން ނުވާނެ ކަމަށް ބުނެފައެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާއިރު، ރަޝިޔާއިންވެސް މިކަމާ ގުޅިގެން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް