ފުވައްމުލަކު ސިޓީގެ ކަރަންޓްގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

ފުވައްމުލަކު ސިޓީގެ ކަރަންޓްގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.
ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިފައެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަޒުވަރު ވަނީ ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށް، ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ބައެއް އިސްވެރިން، އެ ރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާ ރޭ ވަނީ ބައްދަލުކުރައްވާފައެވެ.
އެ ކުންފުނިން ބުނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިގު އަދި ފަޚުރުވެރި މާޒީއެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ސްޓެލްކޯގެ މެނޭޖިނ ޑިރެކްޓަރ ޑރ. އަޒުވަރު ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤާއި ސުލޫކު ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށާއި، ކުންފުނީގައި ޤާއިމުކުރެވިފައިވާ ހަރުދަނާ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.
އަތޮޅުތެރޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި އެ ކުންފުނި ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)