ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި

އިންޑިއާގެ މުމްބާއީގެ ޖުހޫ ސަރަހައްދުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ސައިކަލެއްގައި ތިބި ތިން މީހަކު ބަޑީގެ ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކުގައި ޓައިގާ ޝްރޮފްއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހާދިސާގައި އޭނާގެ ޑްރައިވަރާއި އޮޓޯ ރިކްޝާ ޑްރައިވަރެއް ހިމެނޭ ގޮތަށް ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް މުމްބާއީ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މި ހަމަލާ އޭނާއަށް އަމާޒުވީ ކްލަބެއްގައި ފުޓްބޯޅަ ކުޅުމަށްފަހު އެނބުރި އައި ވަގުތު، ޖުހޫގެ ޕުޝްޕާ ޕާކް ކައިރިންނެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ހަމަލާދިން މީހުން ހޯދުމަށް 15 ޓީމެއް ނެރެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކުރަން ފަށާފައެވެ.
މި ހަމަލާގެ ޒިންމާ ލޯރެންސް ބިޝްނޯއީ ގޭންގުން ނަގާފައިވާއިރު، ގޭންގްސްޓަރ އަނިލް ޕަންޑިޓް ވަނީ މިއީ އޭނާއާއި ހަރްމަން ސަންދޫ އިސްވެ ތިބެ ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ، ބޮލީވުޑްގެ ތަރި ސަލްމާން ޚާންއާއެކު މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އަމާޒުކޮށް ހަމަލާތައް ދޭނެ ކަމަށާއި، ސަލްމާނާއެކު މަސައްކަތްކުރުން ހުއްޓާނުލަނީސް މިފަދަ ހަމަލާތައް ތަކުރާރުވާނެ ކަމަށެވެ. ނަމަވެސް، މި ހަމަލާގައި ބިޝްނޯއީ ގޭންގުގެ ބައިވެރިވުން އޮތްކަން މުމްބާއީ ފުލުހުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

.gif.gif&w=828&q=100)

