ބޮލީވުޑްގެ މަޝްހޫރު ތަރި ނަނާ ޕަޓޭކަރު ނިޔާވެއްޖެ

އިންޑިއާގެ ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރު، ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އުމުރުން 75 އަހަރުގައި އޭނާ މަރުވީ ގޯއާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ހުއްޓައެވެ.
ނާނާ ޕަޓޭކަރުގެ ދަރިފުޅު މަލްހާރު ޕަޓޭކަރު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ ބާއްޕަ ގޯއާގެ ދޯނާލާގައި ހުންނަ ގޭގެ ތެރެއަށް ވެއްޓި ހޭނެތިފައި އޮއްވާ ފެނުމުން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން އޭނާ ސަލާމަތްކުރުމަށް 45 މިނެޓު ވަންދެން މަސައްކަތް ކުރިނަމަވެސް، މިއަދު ހެނދުނު 5:20 ހާއިރު އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ހިންދީ އަދި މަރާޓީ ސިނަމާގައި ހަތަރު ދަހަރާއަށްވުރެ ދިގު މުއްދަތެއްގައި ހަރަކާތްތެރިވެފައިވާ ނާނާ ޕަޓޭކަރު ވަނީ އެކްޓުކުރުމުގެ އިތުރުން ފިލްމު ލިޔުމާއި ޑައިރެކްޓުކުރުމުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާގެ މޮޅު އެކްޓިންއަށް ގައުމީ ފިލްމީ އެވޯޑުތަކާއި ފިލްމްފެއާ އެވޯޑުތައް ލިބިފައިވާއިރު، އިންޑިއާގެ ސިނަމާއަށް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް 2013 ވަނަ އަހަރު އޭނާއަށް ވަނީ "ޕަދްމަ ޝިރީ" އެވޯޑުވެސް އަރުވާފައެވެ.
1978 ވަނަ އަހަރު ފިލްމު "ގަމަން" އިން ފިލްމީ ދާއިރާއަށް ނުކުތް ނާނާ ޕަޓޭކަރު މަޝްހޫރުވެގެންދިޔައީ "ޕަރިންދާ"، "ކްރާންތީވީރު"، "އަންގާރު"، އަދި "އަގްނީ ސާކްޝީ" ފަދަ ކާމިޔާބު ފިލްމުތަކުންނެވެ. އޭނާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިއަހަރު ޕްރައިމް ވީޑިއޯއިން ރިލީޒްކުރި ފިލްމު "ސުބޭދާރު" އިންނެވެ.

.gif.gif&w=828&q=100)

