ކިއާރާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިޢުލާނުކޮށްފި

އިންޑިއާގެ ސިނަމާގައި އާންމުންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ޖޯޑު ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތުރާގެ އާއިލާއަށް އިތުރު އުފާވެރިކަމެއް އަންނަން އުޅޭކަން އިއުލާނުކޮށްފިއެވެ. އަމިއްލަ ދިރިއުޅުމުގެ ޚަބަރުތައް ސޯޝަލް މީޑިއާގައި އާންމުކުރުން މަދު މި ދެމަފިރިން ވަނީ، އެ މީހުންގެ ދެވަނަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާކަން މިއަދު ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ހިތްގައިމު ފޮޓޯއަކާއެކު ދެ ތަރިން ބުނެފައިވަނީ، މިއީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ވަގުތު މުޅި އާއިލާވެސް އޮތީ ނުހަނު ޝުކުރުވެރިވެފައެވެ. ހިއްސާކުރި ފޮޓޯއިން ފެންނަނީ ކިއާރާ އާއި ސިދާތުގެ އިތުރުން، އެ މީހުންގެ ދޮށީ ދަރިފުޅު "ސަރާޔާ" ގެ ކުޑަކުޑަ އަތްތިލައިގެ މަތީގައި ކުޑަކުދިންގެ ބޫޓުޖޯޑެއް ބާއްވައިގެން ތިބި މަންޒަރެވެ. މި ދެ ތަރިންނަށް ފުރަތަމަ އަންހެން ދަރިފުޅު ސަރާޔާ ލިބިފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
މި އުފާވެރި ޚަބަރާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންނާއި ސަޕޯޓަރުން އަންނަނީ އެ މީހުންނަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ޑިރެކްޓަރު ކަރަން ޖޯހަރް، ބަތަލާ އަތިޔާ ޝެޓީ، ބޫމީ ޕެޑްނޭކަރް އަދި ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ހިމެނެއެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާޖަސްތާނުގައި ކުލަގަދަކޮށް ކައިވެނިކުރި މި ދެ ތަރިންނަކީ ކައިވެންޏަށްފަހުވެސް ފިލްމީ ދާއިރާގައި ސަކްސަސްފުލް މަސައްކަތްތަކެއް ކުރަމުންދާ ދެ ފަންނާނުންނެވެ. އެގޮތުން ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ "ޓޮކްސިކް" އެވެ. އަދި ސިދާތު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިހާރު ސިނަމާތަކުގައި ދައްކަމުންދާ "ދަ ވާން" އިންނެވެ.

.gif.gif&w=828&q=100)

