logologologologo
STO
ޚަބަރު

ހުޅުމާލެ އެކްސިޑެންޓް: ދެ މީހުން ވެންޓިލޭޓަރުން ނަގައިފި، އެކަކު އައިސީޔޫގައި

ހުޅުމާލެ އެކްސިޑެންޓް: ދެ މީހުން ވެންޓިލޭޓަރުން ނަގައިފި، އެކަކު އައިސީޔޫގައި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 15

މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާނިކަވި މީހުންގެ ތެރެއިން، ހާލު ދެރަވެގެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުންވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދެއްވި ގޮތުގައި، ވެންޓިލޭޓަރުން ނެގި ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. އަދި ދެވަނަ މީހާއަށް ފަރުވާ ދެމުންދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައެވެ. މި އެކްސިޑެންޓުގައި އަނިޔާވި ޖުމްލަ 5 މީހުންގެ ތެރެއިން ދެ މީހަކަށް ވޯޑުގައި ފަރުވާ ދެމުންދާއިރު، އެކަކު ވަނީ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުން ވަންވޭއާ ޚިލާފަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހިގެންނެވެ۔ ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލުގައި ތިން މީހުން ތިބި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލި އިރުމަތީގެ / ލ. މާމެންދޫ، މުޙައްމަދު ސައިފް (27 އަހަރު) ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އިންޝުއަރެންސާއި ރޯޑްވާދިނަސް ނެތި ދުއްވުމާއި ފޯނު ބޭނުންކުރަމުން ދުއްވުމުގެ ގިނަ ރެކޯޑްތަކެއް އޮންނަ މީހެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް