logologologologo
STO
ޚަބަރު

ބްރިޖު މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކޮށްފި

ބްރިޖު މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 25

ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލުމުން އެމްއެންޑީއެފުން ސަލާމަތްކުރި މީހާ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

އެ މީހާ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ބްރިޖު މަތިން ފުންމާލި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އިމޮން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އެއަށްފަހު އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓަށް އޭނާ ނަގައި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ވަނީ ހަވާލުކޮށްފައެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޤާޟީ ނާޒިރު މުޢައްޒަމިލް ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އަމުރުކުރައްވާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޯޓުން ވަނީ އޭނާ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

 

View post on Twitter

 

އޭނާއަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ބަލި ހާލަތު ފިލައި ދިޔުމުން އަލުން ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް