logologologologo
STO
ދުނިޔެ

"ސުޕަރ އެލް ނީނޯ" ގެ ސަބަބުން 451,000 އެއްހާ މީހުން މަރުވެދާނެ ކަމުގެ އިންޒާރު ދީފި

"ސުޕަރ އެލް ނީނޯ" ގެ ސަބަބުން 451,000 އެއްހާ މީހުން މަރުވެދާނެ ކަމުގެ އިންޒާރު ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 23

މިއަހަރު އުފެދިފައިވާ ވަރުގަދަ "ސުޕަރ އެލް ނީނޯ" ގެ ސަބަބުން ކުރިމަތިވާ އިންތިހާއަށް ހޫނުގަދަ ދުވަސްތަކުގެ ސަބަބުން، ކުރިއަށް އޮތް ފެބްރުއަރީ 2027 ގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 451,000 އަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ޔުނިވަރސިޓީ އޮފް ޗިކާގޯގެ ކްލައިމެޓް އިމްޕެކްޓް ލެބުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ ލެބުން ނެރުނު ރިޕޯޓުގައިވާ ގޮތުން، އާދައިގެ އަހަރުތަކާ އަޅާބަލާއިރު އިންތިހާއަށް ހޫނުގަދަ ދުވަސްތަކުގެ އަދަދު 44 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ސެޕްޓެމްބަރު 2026 އިން ފެބްރުއަރީ 2027 އަށް ހޫނުގަދަވުމުގެ ސަބަބުން އެންމެ ގިނައިން މީހުން މަރުވާނެ ކަމަށް ބެލެވެނީ ނައިޖީރިއާއިންނެވެ. އެއީ 31,400 މީހުންނެވެ. ދެން އެންމެ ގިނައިން މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވަނީ އިންޑޮނީޝިއާ (19,300 މީހުން) އަދި ސޫދާން (17,600 މީހުން) އިންނެވެ.

އެފްރިކާގެ ސާހިލް ސަރަހައްދުގެ ގައުމުތައް ކަމަށްވާ ނައިޖަރާއި، ޗާޑު، ނައިޖީރިއާ އަދި ސޫދާން ހިމެނޭހެން، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އިތުރު 66,800 މީހުން މަރުވާނެ ކަމަށް ދިރާސާވެރިން ލަފާކުރެއެވެ. މީގެއިތުރުން، ފިލިޕީންސް، ވިއެޓްނާމް، ތައިލެންޑް އަދި ކެމްބޯޑިއާ އެއްކޮށް 19,400 މީހުން މަރުވާނެ ކަމަށް ރިޕޯޓުގައިވެއެވެ.

އެލް ނީނޯގެ އަސަރު 2027 ވަނަ އަހަރުގެ ތެރެއަށް ދެމިގެން ގޮސްފިނަމަ، މަރުވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް އުތުރުގެ ގައުމުތައް ކަމަށްވާ އިންޑިއާއާއި ޕާކިސްތާނުގެ ހޫނުމޫސުމުގައި މި ނުރައްކާ ބޮޑުވާނެއެވެ.

ކްލައިމެޓް އިމްޕެކްޓް ލެބުން މިއަހަރުގެ އެލް ނީނޯ ސިފަކޮށްފައިވަނީ "މުސްތަގުބަލުގެ ނިޝާނެއް"ގެ ގޮތުގައެވެ. އެއީ ކުރިއަށް އޮތް މަދު ދިހަވަރަކަށް އަހަރުގެ ތެރޭގައި އާންމުވާނެ ފިނިހޫނުމިނުގެ މިންވަރެކެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ހޫނުގަދަވުމުގެ ސަބަބުން މީހުން މަރުވުން މަދުކުރުމަށްޓަކައި، އެންމެ ނުރައްކާ ބޮޑު ސަރަހައްދުތަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ޗިކާގޯގެ އިގްތިސާދީ މާހިރެއް ކަމަށްވާ މައިކަލް ގްރީންސްޓޯން ވިދާޅުވީ، މިއީ ކުރިއަށް އޮތް މަސްތަކުގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންވީ ސަރަހައްދުތައް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް