ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ މަގު ފަހިކުރާ، ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

ސަރުކާރުން ހަދާ ރިސޯޓުތަކުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުރިހާ ދިވެހިންނަކީ ރިސޯޓު ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ޑޮލަރު ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި 10 ރިސޯޓެއް ހަދާނެ ތަންތަން ވެސް މި ހަފުތާގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ.
"އިރާދަކުރެއްވިޔާ ހަމަ އުއްމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ ނަތީޖާއަކަށް ވާނީ ތިއިން ކޮންމެ ބޭފުޅަކު ވެސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް ވާނެ. އަދި ކޮންމެ ބޭފުޅެއްގެ އެކައުންޓަށް، މި ރިސޯޓުތައް ހުޅުވިގެންދިޔައީމަ ޑޮލަރުން ފައިސާ ޖަމާވާނެ."
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ޓޫރިޒަމުން ސީދާ ރައްޔިތުންނަށް ފައިދާ ވާނެ ނިޒާމެއް ތައާރަފު ކުރަން ޖެހޭކަމަށް ވިދާޅުވެ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.
ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިންމު އެއް ދާއިރާއަކީ ޓޫރިޒަމް ސިނާއަތް ކަމަށް ވާއިރު އަމިއްލަ ފަރާތްތަކުން ރިސޯޓުތައް ހިންގަމުން ދަނީ ވެސް ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ކަމަށް ވިޔަސް ރިސޯޓު ވިޔަފާރިގެ ފައިދާ ސީދާ ލިބެން ޖެހޭނީ ދިވެހިންނަށް ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަ އެވެ.
ރިސޯޓުތައް ހަދަން ނިންމައި، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ އެކައުންޓަށް މަދުވެގެން 400 ޑޮލަރު ޖަމާކުރަން ފަށާނެކަން ވެސް ރައީސް އެ ދުވަހު އިއުލާން ކުރެއްވި އެވެ.
އިތުރަށް





.gif.gif&w=828&q=100)