ދިވެހިންގެ ކޮންމެ ނަޞްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން: ރައީސް މުޢިއްޒު

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބި، އެ ދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތައް އުޖާލާވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޅި އުންމަތަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހީންނަށް އިސްލާމްދީނުގެ ނިއުމަތް މިންވަރުކުރެއްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 9 ޤަރުނުގެ ތެރޭގައި ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ދިރިއުޅެމުން އައީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެންނެވެ. އަދި ދިވެހީންގެ އުޅުމާއި، އާދަކާދަތަކާއި، އެންމެހާ މުޢާމަލާތްތަކުގައި ވެސް އަބަދުވެސް ހިފަހައްޓަމުން އައީ އިސްލާމީ މަތިވެރި ޘަޤާފަތާއި އުސޫލުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށް ތެދުވި ކޮންމެ ދުޝްމަނަކާ ދެކޮޅަށް، މާތްﷲ ގެ މަގުގައި ކެރިގެން ތެދުވެ ދިވެހީން ޖިހާދުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހިޖުރީ 900 އަހަރުގެ ދިގު ތާރީޚުގައި ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ކޮންމެ ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ ވެސް މައިގަނޑު އަސްލަކީ މާތްވެގެންވާ އިސްލާމްދީނެވެ.
މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި، މިއަދާއި، އަދި އަންނަން އޮތް މާދަމާގެ ވެސް އެންމެ ބޮޑު ސަލާމަތްކަން ކަމުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ބަރަކާތުން މި ވަޠަނަށް އަބަދުވެސް ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ރާއްޖެ އިސްލާމްވި މަތިވެރި ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.
އިތުރަށް





.gif.gif&w=828&q=100)