ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފި

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް، ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި، އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެ ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނޭ ކަމަށެވެ.
"ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި މިނިސްޓްރީގައި އެދޭ ނިސްބަތް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާއެވެ. ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމުކަމެކެވެ." އެ ވުޒާރާއިން ބުންޏެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނި ގޮތުގައި ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކަށް މިހާރު ވަނީ ހަވާލުކޮށްފައެވެ. މިގޮތުން އެ ތަކެތި ހަވާލުކޮށްފައި ވަނީ މާެލެއަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިޕްރޮގުރާމުގެ ދަށުން ޙަވާލުކުރާ ސްޕްރޭޔަރު، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ބޭނުންވެއްޖެ ހިނދެއްގައި ސިޓީ ކައުންސިލް ނުަވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެރަށްތަކުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީވެސް ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެކެވެ.
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ އަތޮޅުތަކާއި ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި(ސިޓީކައުންސިލް), ށ. ފުނަދޫ ނ. މަނަދޫ, ރ. އުނގޫފާރު ބ. އޭދަފުށި, ޅ. ނައިފަރު ކ. ތުލުސްދޫ, އއ. ރަސްދޫ, އދ. މަހިނބަދޫ, ވ. ފެލިދޫ, މ. މުލި, ފ. ނިލަންދޫ, ދ. ކުޑަހުވަދޫ, ތ. ވޭމަންޑު, ލ. ފޮނަދޫ, ގއ. ވިލިނގިލި, ގދ. ތިނަދޫ, ޏ. ފުވައްމުލަކު (ސިޓީ ކައުންސިލް), ސ. ހިތަދޫ (ސިޓީ ކައުންސިލް) އެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ހަރުދަނާ ކުރުމަށް، ޗައިނާ ސަރުކާރާއި ގުޅިގެން މި ސަރުކާރުން ހިންގާ ޕްރޮގްރާމުތަކުގެދަށުން ރާއްޖޭގެ ރުއްތަކަށް ގެއްލުން ދޭ ރުކުމަޑި ނައްތާލުމަށް، އެ މަޑިއަށް ހަމަލާ ދޭ ސޫތްޕެއް އާލާކޮށްގެން ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ހަނިމާދޫގައި ހުންނަ ދަނޑުވެރިކަމާބެހޭ މަރުކަޒުން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

.gif.gif&w=828&q=100)

