logologologologo
STO
ކުޅިވަރު

75 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީގެ ސަވީނިއޯ ޓޮޓެންހަމްއަށް ސޮއިކޮށްފި

75 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީގެ ސަވީނިއޯ ޓޮޓެންހަމްއަށް ސޮއިކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 25

މެންޗެސްޓަރ ސިޓީއަށް ކުޅެމުންއައި ބްރެޒިލްގެ ވިންގަރު ސާވީނިއޯ، އިނގިރޭސި ޕްރީމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ސައިންކޮށްފިއެވެ. މިއާއެކު އާ މެނޭޖަރު ރޮބާޓޯ ޑެ ޒަރބީގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ޓޮޓެންހަމްއިން ކުރި ޚަރަދު ވަނީ 300 މިލިއަން ޕައުންޑް (409 މިލިއަން ޑޮލަރު) އަށްވުރެ މައްޗަށް އަރާފައެވެ.

ދެ ކްލަބުންވެސް މި ޓްރާންސްފާ ކަށަވަރުކޮށްދީފައިވީ ނަމަވެސް، އަގާއި ކޮންޓްރެކްޓުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި އެއްބަސްވުމުގެ އަގަކީ 75 މިލިއަން ޕައުންޑް (102.2 މިލިއަން ޑޮލަރު) އެވެ. އަދި އިތުރު އެޑް-އޯންސްގެ ގޮތުގައި 10 މިލިއަން ޕައުންޑް (13.63 މިލިއަން ޑޮލަރު) ލިބޭނެއެވެ.

ޓޮޓެންހަމްގެ ކޯޗު ޑެ ޒަރބީ ބުނީ ސާވީނިއޯއަކީ ޓީމުގެ އަރިމަތިން ކުޅުމަށް ހަކަތައާއި އުފެއްދުންތެރިކަން ގެނެސްދޭނެ، އަދި ދިފާއީ ކުޅުންތެރިންނާ ކުރިމަތިލާން ކެރޭ ކުޅުންތެރިއެއް ކަމަށެވެ.

އެތުލެޓިކޯ މިނޭރޯއިން ކެރިއަރު ފެށި އުމުރުން 22 އަހަރުގެ ސާވީނިއޯ މަޝްހޫރުވެގެންދިޔައީ 2024 ވަނަ އަހަރު ލޯން އުސޫލުން ޖިރޯނާއަށް ކުޅުނު ސީޒަނުގައެވެ. އެފަހަރު އޭނާ ވަނީ 41 މެޗުން 11 ލަނޑު ޖަހައި، އެ ކްލަބު ލާ ލީގާގެ ތިންވަނައަށް ގެންގޮސްދީ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެއަށްފަހު މެންޗެސްޓަރ ސިޓީއަށް ބަދަލުވެ، އޭނާ ވަނީ އެ ކްލަބަށް 84 މެޗު ކުޅެދީ 7 ލަނޑު ޖަހާފައެވެ. ސާވީނިއޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށްވެސް 13 މެޗު ކުޅެދީފައެވެ.

ނިމިދިޔަ ސީޒަނުގައި ލީގުގެ 17 ވަނައިގައި ނިންމާލަން ޖެހުނު ޓޮޓެންހަމްއިން އަންނަނީ ޓީމު ވަރުގަދަކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން ސަންޑްރޯ ޓޮނާލީ، މަތެއުސް ފެރްނާންޑޭސް، އެންޑީ ރޮބަޓްސަން، މާކޮސް ސެނެސީ އަދި ޔަން ޕޯލް ވަން ހެކޭ ފަދަ ކުޅުންތެރިން ވަނީ އެ ކްލަބަށް ގެނެސްފައެވެ. މީގެ އިތުރުން ސިޓީގެ މިޞްރު ފޯވާޑް އުމަރު މަރްމޫޝް ހޯދުމަށްވެސް ޓޮޓެންހަމްއިން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް