ފްރެންޑް 4 އަޑިއަށް ދިޔައީ އަސްކަރީ ސަބްމެރިން ވެސް އޮޕަރޭޓް ނުކުރާވަރު ފުން ސަރަހައްދަކަށް: އެމްއެންޑީއެފް

2026 އޮގަސްޓް 6ވަނަ ދުވަހުގެ ރޭ ގއ.ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔައީ އަސްކަރީ ސަބްމެރިން ވެސް އޮޕަރޭޓް ނުކުރާ ފުންމިނެއް ހުރި ސަރަހައްދަކަށް ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ދޯނި އަޑިޔަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށް ކަމަށާއި އެ ސަރަޙައްދުގެ ފުންމިނަށް ބަލާ އިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުން ދާކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ޤާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، މި ހާދިސާ ހިނގިވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" ބޭނުންކޮށްގެން އަންނަނީ މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.
"މި ޔޫއޭވީސްއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލުކަން ހުރި ޔޫއޭވީސް ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީސް ބޭނުންކޮށްގެން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެނޫންވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ވަނީ ޔޫއޭވީސްގެ ސެންސަރތައް ބޭނުންކޮށްގެން ދެނެގަނެވިފައެވެ." ޤައުމީ ދިފާޢީ ބާރުން ބުންޏެވެ.
މީގެއިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި މި ސަރަޙައްދު ބަލާފައި ކަމަށާއި އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބެލިފައިވާ ކަމަށެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން މި ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބަޔެއް ވަނީ ބެލިފައިވާއިރު، އަދި މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. މި ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި އަދި ފުލުހެއް ހިމެނެއެވެ. އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނެއެވެ.
މި ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި 2 ބިދޭސީން ސަލާމަތްކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާ އެކު ކޮށްފައިވާ މަސައްކަތް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
"އަދި ހަމައެހެންމެ ސިފައިންނާއި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބަޔެއްކަމުގެ ލާމަސީލް ނަމޫނާ މިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުއާއި، ސާޖަންޓް ޢަލީ ސައިފްގެ ފަރާތުން ފެނިގެންގޮސްފައެވެ." އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން މި މަސައްކަތުގައި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤު ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތް ވެސް ފާހަގަކޮށް، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން، އޭނާއާ ޙަވާލުވެފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައިވާ ކަން އެ އިދާރާއިން ފާހަގަ ކުރެއެވެ.
އެމްއެންޑީއެފުން ބުނީ ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާ އެކު މަސައްކަތްކޮށްފައި ވާ އިރު، ދޯނި އަޑިޔަށްދިޔައީ ވަރަށް ކުއްލިގޮތަކަށް ކަމަށެވެ.
މި ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާ އިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
ޤައުމީ ދިފާޢީ ބާރުން ބުނީ ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް، އެއްގަމާއި ކަނޑުގެ ސަރަޙައްދުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތްކުރަމުންދާ ޝަރަފުވެރި، ޤައުމީ ލަޝްކަރެއް ކަމަށެވެ.
"ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްޔިތުން ރައްކާތެރިކުރުމުގައި ސިފައިން އަންނަނީ ނުހަނު އިޚްލާޞްތެރިކަމާ އެކު ޤައުމީ ވާޖިބު އަދާކުރަމުންނެވެ. ދިވެހި ސިފައިން އަދި ދިވެހި ފުލުހުން މިއަދު ވެސް ދެމިމިތިބީ މާތްﷲ ގަންދީ ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެއެވެ. ޤާނޫނީގޮތުން ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި ސާބިތުވެއެވެ." އެ އިދާރާއިން ބުންޏެވެ.
ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހެކެވެ.
އިތުރަށް





.gif.gif&w=828&q=100)