ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސުން ބިން ސަރުކާރަށް ނެގޭ އިސްލާހެއް ހުށަހަޅައިފި

ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް އިސްލާހު ހުށަހަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރެއްގެ ހައިސިއްޔަތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ.
މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ:
- އެއްބާރުލުން ކަށަވަރުކުރުން: ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން.
- އިޖުރާއަތުތައް ހަރުދަނާކުރުން: ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް އިތުރަށް ހަރުދަނާކުރުން.
މި އިސްލާހުގައި ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ނުވާނެ ކަމެއްކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކަށް ބައެއް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ނުލިބޭކަން ސަރުކާރުގެ ތަފާތު ވުޒާރާތަކުން ކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި އެކަމުގެ ސަބަބުން ބައެއް މަޝްރޫޢުތައް ބޭނުންވާ ބާރުމިނުގައި ކުރިއަށްނުގެންދެވި ގޮންޖެހުންތަކާ ދިމާވެއެވެ.
އިތުރަށް





.gif.gif&w=828&q=100)