މަކަރާއި ހީލަތުން އަތުލާފައި ހުރި ފައިސާގެ ބޮޑުބައެއް ފުލުހުން އަނބުރާ ހޯދައިފި

މަކަރާއި ހީލަތުން އަތުލާފައި ހުރި ފައިސާގެ ބޮޑުބައެއް ފުލުހުން އަނބުރާ ހޯދައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ފުލުހުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އަނބުރާ ހޯދައިދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ 2026 ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ހިނގި ހަފުތާގައި، ސްކޭމްގެ 42 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައިވާ ކަމަށާއި މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 އިންސައްތަ) ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައެއް (19.05 އިންސައްތަ) އަދި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް (7.14 އިންސައްތަ) ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް (11.90 އިންސައްތަ) މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި ރައްޔިތުންގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން، އެ އިދާރާއިން މަސައްކަތްތަކެއް ކުރަމުންނެވެ.
"ވަކިން ޚާއްސަކޮށް، ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރަމެވެ. މިފަދަ ސްކޭތަކުގައި، ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަނޫން ސްލިޕް ފޮނުވައި، ކުއްލި ބޭނުމަކު ބުކިންގ ކެންސަލްކުރަން ޖެހުނުކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރުކުރުމަކީ ބޭނުންތެރި ކަމެކެވެ." ފުލުހުންގެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ (ކޭޝް އޮން ޑެލިވަރީ) އުސޫލަށް އިސްކަންދިނުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ހަމައެހެންމެ ބޭރު ފައިސާ މާރުކުރުމުގައި ސޯޝަލް މީޑިއާ ގްރޫޕްތަކުގެ ބަދަލުގައި، ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުގެ ޚިދުމަތް ހޯދުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ގާތް ރައްޓެއްސަކު ނުވަތަ ޢާއިލާގެ މެމްބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)