logologologologo
STO
ޚަބަރު

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 31

މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 2026 ޖުލައި 31 ވަނަ ދުވަހުގެ 11:30 އިން 15:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށާއި މި މުއްދަތުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ދަންނަވަމެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ." ފުލުހުންގެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަޤީން ކުރުމަށާއި، އުޅަނދަށް މީހުންނާއި މުދާ އެރުވުމުގައި ހުއްދަދެވިފައިވާ މިންގަނޑަށްވުރެ އިތުރަށް ނޭރުވުމަށާއި، މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

 

View post on Twitter

 

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވެސް ވަނީ ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.  

މިއަދު ރާއްޖެއަށް ވަރަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށް، ރީނދޫ ސަމާލު ނެރެފައިވަނިކޮށް، ތިލަފުށިން ފުރައިގެން ގާފަރު ކައިރިން ދަތުރު ކުރަމުން ދިޔަ ކޮޅުވެއްޓިއެއް މިއަދު ހެނދުނު ބަނޑުންޖަހާލައި އެ އުޅަނދުން ދަތުރުކުރި 2 ބިދޭސީން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން މާފުށީ ބޭރުގައި އޮންނަ ސަފާރީއެއް، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ނަގިލި ކަހާލައިގެން މިއަދު ހެނދުނު މާފުށީ ފަރަށް އަރައި އެއްކޮށް ފުނޑުފުނޑުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް