logologologologo
STO
ރިޕޯޓް

މިނިވަންކަމަށް ރައީސް ނާސިރު ކުރެއްވި އިބްރަތްތެރި ދަތުރު

މިނިވަންކަމަށް ރައީސް ނާސިރު ކުރެއްވި އިބްރަތްތެރި ދަތުރު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 26

" ކަނޑި ބަޑީގެ ބާރަށް ވުރެ ސިކުނޑި އާއި ޙިކުމަތު ޢަމަލީގެ ބާރު މާގަދަވެއްޖެ އެވެ. ޚާއްޞަކޮށް ސިޔާސީ ރޮނގުގަ އެވެ. ވީމާ މިއަދު ޤައުމު ދެކެ ލޯބިވާ ބަޠަލަކަށް ޤައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރެވޭނީ މޮޅު ސިކުނޑިއަކާއި ޙިކުމަތު ޢަމަލީންނެވެ. ވަރުގަދަ ކެތްތެރި ކަމަކާއި ދުރު ވިސްނުމަކުންނެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ޒަޢީމު ޤައުމުގެ ލީޑަރ ޞ. ދ. އަލްފާޟިލް އިބްރާހީމް ނާސިރު ވެސް ދިވެހި ޤައުމަށްޓަކައި އެ ކުރެއްވީ ވަރުގަދަ ހަނގުރާމައެކެވެ. ޒަމާން ބަދަލުވެފައިވާކަމުން ޞާޙިބުއްދައުލާއަށް ހަތިޔާރަކަށް ބޭނުންކުރައްވާން ޖެހިވަޑައިގަތީ ކަނޑި އާއި ބަޑިއެއް ނޫނެވެ. ލޮންސި އާއި ހިފުމުގެ އުކުޅުތަކެއް ނޫނެވެ. ކީއްތޯ އެވެ. އެ މަނިކުފާނު ހަތިޔާރަކަށް ބޭނުންކުރެއްވީ ވަރުގަދަ މޮޅު ސިކުނޑިއެކެވެ. އަޖައިބެއް ކަހަލަ ޙިކުމަތު ޢަމަލީއެކެވެ. އަދި އެ އަށް ވުރެ ވެސް ޙައިރާން ކުރުވަނިވި މަތިވެރި ކެތްތެރިކަމެކެވެ " 

މިއީ ދިވެހިރާއްޖެ އަށް ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ވެލާނޭގޭ އިބްރާހީމް ނާސިރު ކުރެއްވި މަސައްކަތްޕުޅު ބަޔާން ކުރައްވައި ރާއްޖޭގެ ވަރަށް އުފެއްދުންތެރި، މަޝްހޫރު ލިއުންތެރިއެއް ކަމުގައިވާ މާދޫގޭ އަލީ އަހުމަދު 30 ޖުލައި 1965 ގައި "ވިޔަފާރި މިއަދު" އަށް ލިއުއްވި މަޒުމޫނުގައި ވިދާޅުވެފައިވާ ވަރަށް މުހިންމު ވާހަކަފުޅެވެ. 

މިދިޔަ ގަރުނުގައި ރާއްޖޭގެ ސިޔާސީ މައިދާން ދުށް އެންމެ ނުފޫޒު ގަދަ އެއް އާއިލާ ކަމުގައިވި، ވެލާނާގެ އަށް ނިސްބަތްވެވަޑައިގެންނެވި ނާސިރަކީ އަބަދުވެސް މިނިވަންކަމުގެ ފިކުރު ގެންގުޅުއްވި ބޭފުޅެކެވެ. އެހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ގިނަ ބޭފުޅުން ގަބޫލު ކުރެއްވީ ރާއްޖެ އަށް ކުރިއަށް ދެވެން އޮންނާނީ އިނގިރޭސިންގެ މަދަދާ އެކު އެކު ކަމަށެވެ. 

ދިވެހިރާއްޖެ މިނިވަންވުމުގެ އެގްރީމެންޓުގައި ސޮއިކުރެވުނީ 26 ޖުލައި 1965 ގައެވެ. ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގަ އެވެ. އެގްރީމެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސީންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ސާ މައިކަލް ވޯކަ އެވެ. 

އެގްރީމެންޓުގައި ސޮއިކުރުމަށް ހައި ކޮމިޝަނަރު މައިކަލް ވޯކަގެ ގޭގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އިތުރަށް އަބްދުއްސައްތާރު މޫސާ ދީދީ އާއި ވަޒީރުލްއައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު އަލީ މަނިކާއި ސަފީރު އޮފީހުގެ 3 ވަނަ ސެކްރެޓަރީ އަހުމަދު އިސްމާއިލު ބައިވެރިވެވަޑައިގަތެވެ. އަދި އިނގިރޭސީންގެ ފަރާތުން ސާ މައިކަލް ވޯކަގެ އިތުރަށް ޑިޕިއުޓީ ހައިކޮމިޝަނަރު ޑީ ޖީ އެންޑަސަން އާއި އެއްވަނަ ސެކްރެޓަރީ ޕީ ޑަބްލިޔު ހީތު އާއި އިންފޮމޭޝަން ސާވިސްގެ ޑިރެކްޓަރު ބީ ޑީ ބްރައުން ވެސް ބައިވެރިވެވަޑައިގަތެވެ. 

ކުރީގެ ރައީސް އިބްރާހިމް ނާސިރަކީ "އަނިޔާވެރި"، "ހިޔާނާތްތެރި"އެއް ކަމަށް ބުނާ މީހުން އަދިވެސް އުޅެ އެވެ. މިއަދަކީ އިނގިރޭސީންގެ ހިމާޔަތުން ނިކުމެވި، ރާއްޖޭގެ މިނިވަން ކަމަށް 61 ވަނަ އަހަރު ފުރޭ ދުވަހެވެ. މި ހާއްސަ ނިއުމަތް ދިވެހިންނަށް ލިބުނީ ގައުމުގެ މަސްލަހަތަށްޓަކައި ނާސިރު ހިންގެވި ދިގު، ހިންގެވުމެއްްގެ ސަބަބުން ކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އަދި ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ނުދެއްވައި ގައުމުގެ މަސްލަހަތަށްޓަކައި ރަނގަޅު ވަގުތުގައި އެމަނިކުފާނު މީހެއްގެ މޫނާއި ކަނދުރާއަށް ބެލުމެއް ނެތި އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުންކަމީ އެއްވެސް ދިވެހި ލޭ ހިނގާ ދިވެއްސަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ. 

ދިވެހިރާއްޖެ އިނގިރޭސި އަޅުވެތިކަމުގެ ދަށުގައި 78 އަހަރު އޮތުމަށް ފަހު، ރާއްޖެ މިނިވަންވީ ގޮތާ ބެހޭ ގޮތުން ތާރީހީ ލިއުންތެރިއެއް ކަމުގައިވާ ބަގީޗާގޭ އިބްރާހީމް ޝިހާބު ލިއުއްވާފައި ވެ އެވެ. 

" ދެބަސްވާނެ އެކަކުވެސް ނެތެވެ. ރާއްޖޭގެ ތާރީޚު އަބަދަށްޓަކައި ފަޚުރުވެރިވާނޭ މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ޙާޞިލުވުމުގެ ހުރިހާ ވެސް ސިއްރަކީ ދިވެހި ޒަޢީމެއްގެ ހިތްޕުޅުގައި މާތްވެގެންވާ އިސްލާމް ދީނަށާއި ވަޠަނުގެ އިސްތިޤުލާލަށް އުފެދި ތަމްކީން ވެފައިވާ ވަރުގަދަ ލޯތްބެކެވެ. ޤައުމުގެ މިނިވަންކަމަކީ އެހެން އެއްވެސް އެއްޗަކާ އަޅައި ކިރުމުގައި ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ނިޢުމަތެއްކަން ޔަޤީނެވެ "

ދިވެހިރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ މީލާދީން 1887 ގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ކުރެވުނު ހިމާޔަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ވާގޮތުން އިނގިރޭސީން ނޫން އެހެން އެއްވެސް ގައުމަކާ ދިވެހިރާއްޖެއާ ދެމެދު ގުޅުމެއް ނުބޭއްވޭނެ އެވެ. ރާއްޖޭގެ ވެރިކަމަށް އިސްކުރެވޭނީ އިނގިރޭސީން ރުހި ގަބޫލުވާ ރަސްކަލެކެވެ. 

މިނިވަންކަން ހޯދަން ދިވެހިން ނުކުތް މައިގަނޑު ސަބަބަކީ މައި ސަރުކާރުން ވަކިވެ، އައްޑޫ އަކީ ވަކި ދައުލަތަކަށް ވުމަށް ހިންގުނު ހަރަކާތްތަކެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ވަޑައިގަންނަވާ ތަފާތު ފެންވަރުގެ ބޭބޭފުޅުންނަށް ނާސިރުގެ ފައިންޕުޅުދެކެން ބައްދަލު ކުރައްވަ އެވެ. ބައެއް ފަހަރު ބައްދަލު ނުކުރައްވާނެ ކަމަށް ދިމާއަށް ވިދާޅުވެ އެވެ. އެ ދުވަސްވަރު ކޮމަންވެލްތުގެ ވަޒީރު ޑަންކަން ސޭންޑިސް ވަޑައިގެން އެޕޮއިންޓްމެންޓަކަށް އެދި ވަޑައިގަތުމުން ދެއްވި ވަގުތަށްވުރެ ގަޑި ލަސް ކުރައްވައި ނާސިރު ބައްދަލު ކުރެއްވި އެވެ. 

އެ ބައްދަލުވުމުގައި އޭރު ޑްރާފްޓް ކުރަމުންދިޔަ ލިޔުން ބައްލަވައި މިތަންކޮޅު ބަދަލުކޮށްލައްވާށޭ ދަންނަވައިފި އެވެ. ވަގުތުން ނާސިރު ވިދާޅުވީ "ތިޔައީ ބަދަލު ނުކުރެވޭ ގޮތަށް ލިޔުނު އިބާރާތެއް" ކަމަށެވެ. ނަމަވެސް ސޭންޑިސް ނާސިރަށް ދެ ލޯފުޅު އަޅުއްވައި ބިރު ދައްކަވަން އުޅުއްވި އެވެ. ނަމަވެސް ނާސިރު އިސްޖެއްސެވި ގޮތަށް އިސްނުނަންގަވައި ތިންގަޑިއިރު އިންނެވުމުން ޑްރާފްޓް އެގްރީމެންޓްގައި ސޮއި ކުރައްވާފައި ސޭންޑިސް ވަޑައިގަތީ އެވެ. އޭނާއަކަށް ނާސިރަކާ ނުކުޅެވުނެވެ. 

ނާސިރަކީ އާންމުންގެ ތެރޭގައި މާ މަގުބޫލު މީހެއް ނޫނެވެ. އޭނާ އާއި މެދުގައި އެތައް ބައެއްގެ ހިތުގައި މިއަދު ވެސް ނަފްރަތު އެބައޮތެވެ. ސަބަބަކީ އެމަނިކުފާނަކީ ވަރަށްހަރުކަށި ބޭފުޅެއްގެ ގޮތުގައި މީހުންގެ މެދުގައި މަގުބޫލުވެފައި އޮތުމެވެ. އެހެނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ ހަގީގަތަކީ މއަދު އަޅުގަނޑުމެންނަށް ލިބިފައިމިވާ މިނިވަންކަމުގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް މި ލިބިފައިވަނީ ނާސިރުގެ ހަރުކަށި ކަމުންނެވެ. 

ގައުމީ، ވަތަނީ ލޯބީގައި މުޅި ދުނިޔެއާ ދެކޮޅަށް ކަހަލަ ގޮތަކަށް ރާއްޖޭގެ މިނިވަން ކަމުގެ ދިފާއުގައި ތެދުވެ ވަޑައިގެންނެވި އެވެ. އިނގިރޭސިން ގަމުގައި ހިންގެވި ކުޅިގަނޑާ ސީދާ ދެކޮޅަށް ބަސްފުޅު ވިދާޅުވެ، އިނގިރޭސިން ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތަށް ތާއީދު ހޯއްދެވުމަށް ބައިނަލްއަގުވާމީ ކެމްޕޭނެއް ނާސިރު ފެއްޓެވި އެވެ. އިނގިރޭސިންނާ ދެކޮޅަށް ބޮޑެތި މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކެއް ރޭއްވެވި އެވެ. އެ ހުރިހާ ކަމަކާ ހުރެ، ރާއްޖެއަށް އަސްކަރީ ބިރުވެސް އޭރުގެ އިނގިރޭސިން ދެއްކި އެވެ. އެކަމަކު ނާސިރު އޭރު ވެސް ވިދާޅުވީ، އިނގިރޭސިންނާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލާނީ، ހިމާޔަތުގެ ލަފްޒް މިފަހަރު އުނިކޮށްލާފައި ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ބާރާދެކޮޅަށް ނާސިރު ހަރުކަށިކަން ނުދެއްކެވި ނަމަ، މި މިނިވަންކަމުގެ ފޮނި މީރުކަމެއް ނުލިބޭނެ އެވެ. 

ނާސިރުގެ އެ ދަތުރު އެންމެ ކައިރިން ފެނިވަޑައިގެންނެވި، އޭރު ކޮޅުބުގައި ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވި ގޮތުގައި ނާސިރު އެ މަސައްކަތްޕުޅު ފައްޓަވަން ޖެހުނީ އިނގިރޭސީންގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް މާ ބޮޑަށް ފޯރަމުން ގޮސް، އެކަމަށް ދެން ރައީސް ނާސިރަށް ކެތްނުކުރެވިގެން ކަމަށެވެ. ގައުމުގެ ހިންގުމާއި ދާހިލީ މައްސަލަތައް ހައްލު ކުރުމުގެ ތެރެއަށް މާ ބޮޑަށް ބޭރުގެ ފަރާތަކުން ވަނުމަކީ ދުނިޔެ ދައްކާ ތަޖުރިބާގައި ވެސް ގައުމުތަކުން ބޮޑެތި އަގު ދައްކަން ޖެހިފައި ހުރި ކަންކަމެވެ. 

ހަގީގަތުގައި މިނިވަންކަން ހޯދުމަށް ނާސިރު ހިންގެވި ދިގު މަގުގެ ހަގީގީ ފޮނި މޭވާ އަކީ ބޭރުގެ ނުފޫޒުތަކުން ވަށާލައި ފިއްތާލާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމުން ސަލާމަތް ކުރުމެވެ. ދިވެހީން ޝައްކެއްވެސް ނެތް ގޮތުގައި ރައީސް ނާސިރުގެ މިނިވަންކަމުގެ މިދަތުރުން އިބުރަތް ހާސިލު ކުރި އެވެ. ދުރު އަދި ކައިރި މާޒީއިން ވެސް ދިވެހީން ވަނީ އެކަން ދައްކުވާދީފަ އެވެ. ގައުމުގެ މައި ދޮރާށި ބޭރުބަޔަކާ ހަވާލު ކުރުމުން ދިވެހިން ނިކުމެ އެކަން ބަދަލު ކުރުވި އެވެ. އެހެން ބަޔަކަށް އެތަން ބަލަހައްޓަން ހަވާލެއް ނުކުރި އެވެ. 2018 ވަނަ އަހަރުން ފެށިގެން 2023 އަށް ކުރި ވެރިކަމުގައި އަވައްޓެރި ގައުމަކާ މާ ބޮޑަށް ގާތްވެގަތުމުން ދިވެހިން ނިކުމެ ބަސް ބުންޏެވެ. އެވެރިކަން ނިމުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. 

ހަގީގީ މިނިވަންކަމަކީ ވަރަށް ބުރަ މަސައްކަތުން ލިބޭ އެއްޗެކެވެ. 

ރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވައި، މިނިވަންކަން ދިފާއު ކުރެއްވުމަށް މަސައްކަތްކުރެއްވި އަބްތާލުންގެ ޒިކުރާ އައު ކުރުމަކީ ގައުމީ ހިދުމަތް ދިރުވުމަށް ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް