ޗައިނާގެ އެންމެ ޝަރަފުވެރި އަދަބީ އިނާމު ކާއެއްޗެހި ޑެލިވަރީކޮށްދޭ މީހަކު ކާމިޔާބުކޮށްފި

ކާއެއްޗެހި ޑެލިވަރީކުރުމުގެ މަސައްކަތުގެ ދެމެދުގައި ކުދި ކޮޅުތަކުގައި ޅެންތައް ލިޔަމުންދިޔަ ޗައިނާގެ ޑެލިވަރީ ކުރާ މީހަކު، އެ ޤައުމުގެ އެންމެ މަތީ އަދި ޝަރަފުވެރި އެއް އަދަބީ އިނާމު ކަމަށްވާ "ލޫ ޝަންގް ލިޓަރަރީ ޕްރައިޒް" ކާމިޔާބުކޮށްފިއެވެ.
އުމުރުން 56 އަހަރުގެ ވާންގް ޖިބިންގް މި އިނާމު ކާމިޔާބުކުރީ ޑެލިވަރީ ރައިޑަރުންގެ ދިރިއުޅުމުގެ އުނދަގޫތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައި އޭނާ ލިޔެފައިވާ "ލޯ ފްލައިޓް" ނަމަކަށް ކިޔާ ޅެން ފޮތުންނެވެ.
ޖިއާންގްސޫ ޕްރޮވިންސަށް އުފަން ވާންގް، އާއިލާގެ މާލީ ދަތިކަމާ ހުރެ ސްކޫލް ދައުރު ނުނިމެނީސް ކިޔެވުން ހުއްޓާލަންޖެހުނެވެ. އެއަށްފަހު އޭނާ ވަނީ އިމާރާތްކުރުމުގެ މަސައްކަތާއި، ކުނި އެއްކުރުމާއި، މަގުމަތީގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރުން ފަދަ ތަފާތު ގިނަ މަސައްކަތްތައް ކޮށްފައެވެ. ވާންގް ޑެލިވަރީ ރައިޑަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރުއެވެ.
މަސައްކަތުގެ ބުރަކަމާއެކުވެސް ވާންގް ލިޔުންތެރިކަމަށް އޮތް ލޯބި ދޫކޮށެއް ނުލައެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހު އޭނާ ދިޔައީ ސޯޝަލް މީޑިއާގައި އަމިއްލަ ޅެންތަކާއި މަޒުމޫނުތައް ޝާއިޢުކުރަމުންނެވެ.
- 2022: ކަސްޓަމަރަކަށް އެޑްރެސް އޮޅިގެން ދިމާވި ހާދިސާއަކަށް ބިނާކޮށް ލިޔުނު "މޭން އިން އަ ހަރީ" ޅެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވިއެވެ.
- 2023: އޭނާގެ ފުރަތަމަ ޅެން ފޮތް "މޭން އިން އަ ހަރީ: ޕޮއެމްސް އޮފް އަ ފޫޑް ޑެލިވަރީ ރައިޑަރ" ނެރުނެވެ.
- 2024: 200 އެއްހާ ޑެލިވަރީ ރައިޑަރުންނާއެކު ކުރި އިންޓަވިއުތަކުގެ މައްޗަށް ބިނާކޮށް "ލޯ ފްލައިޓް" ފޮތް ނެރުނެވެ.
މި އެވޯޑު ލިބުމާ ގުޅިގެން ވާންގް ބުނީ، އެވޯޑު އިއުލާނުކުރުމުގެ ކުރިން އޭނާ ވަރަށް ހާސްވި ކަމަށާއި، މީޑިއާތަކުގެ ސަމާލުކަން ލިބުމުން ނަފްސާނީ ގޮތުން ބޮޑު ޕްރެޝަރެއް ކުރިމަތިވި ކަމަށެވެ.
އަދި މާލީ ގޮތުން މިހާރު ދިރިއުޅެން މި ވަޒީފާ މަޖުބޫރު ނޫން ކަމުގައި ވީނަމަވެސް، އުމުރުން 60 އަހަރު ވަންދެން ޑެލިވަރީ ރައިޑަރެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ. "މި މަސައްކަތުގެ މާހައުލާއި، މިއީ ސިއްހަތަށްވެސް ރަނގަޅު ކަމަކަށްވާތީ އަހަރެން މީގައި ދެމިހުންނަން ބޭނުންވަނީ. އަހަރެން ބޭނުންވަނީ އާދައިގެ ދިރިއުޅުމެއް، މި އިނާމުގެ ސަބަބުން އަހަރެން ބަދަލެއް ނުވާނެ،" ވާންގް ބުންޏެވެ.
"ލޫ ޝަން ލިޓަރަރީ ޕްރައިޒް" އަކީ ޗައިނާގެ އާދަކާދަތަކަށް ފާޑުކިޔައި، ޒަމާނީ ޗައިނާގެ އަދަބިއްޔާތުގެ ބާނީގެ ގޮތުގައި ބެލެވޭ މަޝްހޫރު ލިޔުންތެރިޔާ ލޫ ޝަންގެ ނަމުގައި ދެވޭ އިނާމެކެވެ. މި އިނާމާއެކު ދޭ ފައިސާގެ އަދަދު އާންމުކޮށް އިއުލާނު ނުކުރި ނަމަވެސް، 2014 ވަނަ އަހަރާ ހަމައަށް މި އިނާމުގެ ފައިސާގެ އަދަދަކީ 100،000 ޗައިނީޒް ޔުއާން (14،800 އެމެރިކާ ޑޮލަރު) އެވެ.
ފަހަކަށް އައިސް ޗައިނާގެ ލޭބަރުންނާއި އާދައިގެ މަސައްކަތްތެރިންގެ މެދުގައި ލިޔުންތެރިކަން އިތުރުވެ، އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާތަކަށް ބިނާކޮށް ލިޔާ ފޮތްތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)