ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ 1 ބިލިޔަން ރުފިޔާގެ ފައިނޭންސިންގ ސްކީމެއް ތަޢާރަފުކޮށްފި

ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ގެ ނަމުގައި ޚާއްޞަ ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތަޢާރަފުކޮށްފިއެވެ.
މިއަދު ފެށި "ޔޫތު އެންޓްރަޕްރަނަރސް އެކްސްޕޯ" ގައި މި ފައިނޭންސިންގ ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ފެސިލިޓީގެ ދަށުން ޒުވާނުންނަށް ވިޔަފާރި ފެށުމަށާއި ފްރީލާންސް މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ވަރަށް ލުއި ގޮތްތަކެއްގެ މަތިން ލިބިގެންދާނެއެވެ. ލޯނުގެ މައިގަނޑު ތަފްސީލުތަކަކީ:
- އުމުރުފުރާ: 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން.
- ލޯނުގެ އަދަދު: ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގް.
- ރަހުނު: އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ.
- އިންޓްރެސްޓް ރޭޓް: އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއް.
- ލޯނު އަނބުރާ ދެއްކުން: ލޯނު ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ.
- އަވަސް ހިދުމަތް: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމައި، އަވަސްކަމާއެކު ފައިސާ ދޫކުރެވޭނެ.
މި ސްކީމްގެ ދަށުން ފައިސާގެ އެހީގެ އިތުރުން، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ފޯރުކޮށްދޭނެއެވެ.
މި ފެސިލިޓީއާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
"އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިޔަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގުމުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ،" — މުޙައްމަދު ޝަރީފް، ބީއެމްއެލްގެ ސީއީއޯ
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބަދުރުއްދީން ޙަސަން ވެސް ވަނީ މި ފެސިލިޓީގެ ލުއިފަސޭހަކަން ފާހަގަކުރައްވާފައެވެ. ބަދުރުއްދީން ވިދާޅުވި ގޮތުގައި 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްވެގެން ދިއުމަކީ ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރަނީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި، އައު ޖީލުގެ ވިޔަފާރިވެރިން އިތުބާރާއެކު ދަތުރު ފެށުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ބީއެމްއެލްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
އިތުރަށް





.gif.gif&w=828&q=100)