logologologologo
STO
ވިޔަފާރި

ބިއެމްއެލްއިން ދެ އަހަރާއި ބައިގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ބިއެމްއެލްއިން ދެ އަހަރާއި ބައިގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ބޭރު ފައިސާ ވިއްކާފައިވާކަން ހާމަކޮށްފިއެވެ.

ބޭންކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތަ ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އެ މުއްދަތުގައި ބޭންކުން ވިއްކާފައިވަނީ 957 މިލިއަން ޑޮލަރެވެ.

ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަށް ވެސް ޑޮލަރު ވިއްކި އަދަދު އިތުރުވެފައިވާއިރު، ކާޑު މުއާމަލާތްތަކަށް ކުރި ހޭދަ ވަނީ ބޮޑުތަނުން އުފުލިފައެވެ.

  • ކާޑު މުއާމަލާތްތައް: ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
  • މަހެއްގެ އެވްރެޖް: 2021 ވަނަ އަހަރު ކާޑު މުއާމަލާތްތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކިއިރު، މި އަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިއަން ޑޮލަރު ދަނީ ވިއްކަމުންނެވެ.
  • ޓީޓީ ފޮނުވުން: 2023 ވަނަ އަހަރު ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، މި އަހަރު ތެރޭ އެވްރެޖްކޮށް މަހަކު 28 މިލިއަން ޑޮލަރު ދަނީ ވިއްކަމުންނެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ބޭންކުން ވިއްކި ބޭރު ފައިސާގެ މިންވަރު އަހަރަކަށްވުރެ އަހަރަކަށް ވަނީ އިތުރުވެފައެވެ.

  • 2023: މަހަކަށް އެވްރެޖްކޮށް 2.9 މިލިއަން ޑޮލަރު
  • 2024: މަހަކަށް އެވްރެޖްކޮށް 4 މިލިއަން ޑޮލަރު
  • 2025: މަހަކަށް އެވްރެޖްކޮށް 5 މިލިއަން ޑޮލަރު
  • 2026 (މި އަހަރު): މަހަކަށް އެވްރެޖްކޮށް 5.8 މިލިއަން ޑޮލަރު

މީގެ އިތުރުން، ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި (Cash) ޑޮލަރު ވިއްކި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ޖަނަވަރީ 2021 އިން ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް ވަނީ 264 މިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ ގާތްގަނޑަކަށް 70 އިންސައްތައިގެ އިތުރުވުމެކެވެ. މި އަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހަށް ބަލާއިރު ބޭންކުން ވަނީ ދަތުރުވެރިންނަށް މަހަކު 8.5 މިލިއަން ޑޮލަރު ވިއްކާފައެވެ.

ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި މި އަދަދުތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަމެވެ. ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު، ކަސްޓަމަރުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް