logologologologo
STO
ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފި

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 15

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ދޫކުރަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ފަށައިފިއެވެ.

މިނިސްޓްރީން މީގެ ކުރިން މި ލިޔުން ދޫކުރަމުން ދިޔައީ ގޯތި ލިބުނު ފަރާތްތައް ސީދާ ގުޅިފަޅަށް ގެންގޮސްގެންނެވެ. ނަމަވެސް، ޚިދުމަތް އަވަސްކޮށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު ވަނީ އޮންލައިންކޮށް ލިޔުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދާނެ ގޮތް:

  1. ލޮގިންވުން: "ހިޔާވެހި ޕޯޓަލް" އަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިންވުން.
  2. ބައި އިޚްތިޔާރުކުރުން: ޕޯޓަލްގެ މެނޫއިން "ގޯތި ހަވާލުކުރުން" މި ބަޔަށް ދިއުން.
  3. ލިޔުން ޑައުންލޯޑްކުރުން: ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެމީހެއްގެ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ. އެތަނުން "ގޯތި ހަވާލުކުރިކަމުގެ ލިޔުން" ޑައުންލޯޑް ކުރެވޭނެއެވެ.
  4. ލޮކޭޝަން ބެލުން: ހަވާލުކުރާ ލިޔުމުގައި ހިމެނޭ ކިއުއާރު (QR) ކޯޑު ސްކޭންކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން، ގޯތި އޮތް ވަކި ސަރަހައްދު ޗާޓުން (މެޕުން) ބަލާލެވޭނެއެވެ.

މި ލިޔުން ޑައުންލޯޑު ކުރެވޭނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަންޏެވެ. ލިބިފައިވާ ގޯތި މިވަގުތު އަމަލީ މަސައްކަތް ހިނގަމުންދާ ސައިޓެއްގެ ތެރޭގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ލިޔުން ދޫކުރަން ފަށާނެއެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އާ ރަޖިސްޓްރީ ދިނުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ނަމަވެސް، އާ އެއްބަސްވުމުގައި ސޮއިކުރަން ބައެއް ފަރާތްތަކުން ދެކޮޅު ހެދިއެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި އާ އެއްބަސްވުމުގެ ބައެއް މާއްދާތައް ގޯތި ދިނުމުގެ އަސްލު އުސޫލާ ފުށުއަރައެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުގެ ސަބަބުން، ގާނޫނީ ގޮތުން އެކަންކަން އިސްލާހުކުރަން އާ އެއްބަސްވުމެއް ހަދަން ޖެހުނީއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ޖުމްލަ 2,438 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެއެވެ. މި ބިޔަ މަޝްރޫއުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9,031 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް