ފީފާ ވޯލްޑް ކަޕް: ތަށި ހޯދުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
.webp&w=1080&q=100)
އެމެރިކާގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވެ، މުޅި މުބާރާތް މިހާރު ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މުބާރާތް ފެށިިއިރު 48 ގައުމަކުން ތައްޓަށް އުންމީދު ކުރި ނަމަވެސް، މިހާރު ތަށީގެ ރޭހުގައި ބާކީ އޮތީ އެންމެ 4 ގައުމެވެ.
މިއަންނަ އަންގާރަ އަދި ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުތަކަށްފަހު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 19 ވާ އާދިއްތަ ދުވަހު ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ. "ދުވެލި އޮންލައިން" ގެ ޓީމުން މި ވަނީ ސެމީ ފައިނަލަށް ދަތުރުކުރި 4 ޓީމުގެ ފޯމަށް ބަލައި، ތަށި ހޯދުމުގެ ފުރުސަތު އޮތް މިންވަރު ތަރުތީބުކޮށްފައެވެ.
4. އާޖެންޓީނާ (އެންމެ ފަހުގެ ޗެމްޕިއަން)
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މި ފަހަރު ބެލެވެނީ ސެމީ ފައިނަލްގެ 4 ޓީމުގެ ތެރެއިން ތަށި ހޯދުމުގެ ފުރުސަތު އެންމެ ކުޑަ ޓީމުގެ ގޮތުގައެވެ. ސަބަބަކީ މިހާތަނަށް އެ ޓީމަށް ދިމާވި އިދިކޮޅު ޓީމުތަކެވެ. އާޖެންޓީނާ ސެމީއާއި ހަމައަށް ދަތުރުކޮއްފައިވަނީ އަލްޖީރިއާ، އޮސްޓްރިއާ، އުރުދުން، ކޭޕް ވާޑޭ، މިޞްރު އަދި ސްވިޒަލޭންޑް ފަދަ ޓީމުތަކާއިއެކު ކުޅެގެންނެވެ. މި ޓީމުތަކާ ދެކޮޅަށް ކުޅުނުއިރުވެސް އާޖެންޓީނާގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައެއް ނުވެއެވެ.
ކޭޕް ވާޑޭ އަދި މިޞްރު އަތުން މޮޅުވީ ކިރިޔާއެވެ. އަދި ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް އަތުން މޮޅުވީވެސް 120 މިނެޓު ކުޅެގެންނެވެ. ލިއޮނަލް މެސީ އާއި އާޖެންޓީނާގެ އުމުރުން ދުވަސްވީ މި ޓީމަށް ސެމީ ފައިނަލުގައި އިންގްލޭންޑާ ދެކޮޅަށް މިފަދަ ކުޅުމެއް ދައްކައިގެން ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް، އިންގްލޭންޑް ބަލިކޮށް ފައިނަލަށް ގޮސްފިނަމަ އެމީހުންގެ މޮމެންޓަމް ވަރުގަދަވާނެއެވެ.
3. އިންގްލޭންޑް
އިންގްލޭންޑުން ވެސް މި މުބާރާތުގައި އަދި އެންމެ އެދެވޭ ކުޅުމެއް ނުދައްކައެވެ. ނޯވޭ އަތުން މޮޅުވި މެޗަށްފަހު ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ އެމީހުން ސެމީއަށް ދިޔައީ ނަސީބުން ކަމަށް އެއްބަސްވެފައެވެ. އިންގްލޭންޑް މިހާތަނަށް ކުރިއަށް މިދަނީ ޖޫޑް ބެލިންގްހަމްގެ މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ މިހާތަނަށް 6 ގޯލު ޖަހާފައެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަކީ ތާރީޚީ ގޮތުން ބޮޑު ވާދަވެރިކަމެއް އޮތް މެޗަކަށް ވާއިރު، އާޖެންޓީނާގެ ޑިފެންސްގެ ބަލިކަށިކަމުގެ ފައިދާ ބުކާޔޯ ސަކާ އަދި އެންތަނީ ގޯޑަން ފަދަ ހަލުވި ކުޅުންތެރިންނަށް ނެގިދާނެއެވެ. އިންގްލޭންޑް ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ފައިނަލުގައި ފްރާންސް ނުވަތަ ސްޕެއިން ބަލިކުރުމަކީ އެމީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.
2. ސްޕެއިން
ސްޕެއިންގެ އެންމެ ވަރުގަދަ ބާރަކީ އެ ޓީމުގެ ބަލިކުރަން އުނދަގޫ ޑިފެންސެވެ. ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން ބައިކޮޅަށް ގޯލެއް ވަނުމުގެ ކުރިން، ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ އިރު، 649 މިނެޓު ބައިކޮޅަށް ގޯލެއް ނުވަދެ ހިފަހައްޓާފައެވެ.
ލަމީން ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، މިކޭލް މެރީނޯ ވަނީ ޕޯޗުގަލް އަދި ބެލްޖިއަމް މެޗުގައި ފަހު ވަގުތު ގޯލު ޖަހައި ހީރޯއަކަށް ވެފައެވެ. ސްޕެއިން ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ފައިނަލަށް ހިނގައްޖެނަމަ، ތަށި ހޯދާނެ އެންމެ ފޭވަރިޓަކީ އެއީއެވެ. ނަމަވެސް ފްރާންސްގެ އެޓޭކް ހުއްޓުވުމަކީ ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީއަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނެވެ.
1. ފްރާންސް (ތަށި ހޯދުމުގެ އެންމެ ފުރުސަތު ބޮޑު ޓީމު)
މުޅި މުބާރާތުގައިވެސް އޮތް އެންމެ ވަރުގަދަ އެޓޭކިންގް ލައިން އޮތީ ފްރާންސްގައެވެ. ކިލިއަން އެމްބާޕޭ، މައިކަލް އޮލީސޭ، އޮސްމާން ޑެމްބެލޭ އަދި ބްރެޑްލީ ބާކޯލާ ހިމެނޭ އެޓޭކް ހުއްޓުވޭނެ ޓީމެއް މި މުބާރާތަކު ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ 2-0 އިން ބަލިކުރިއިރު، އެމީހުންގެ ޑިފެންސަށް އަދި މާ ބޮޑު ނުރައްކަލަކާ ކުރިމަތިލާާކަށް ނުޖެހެއެވެ.
ޔޫރޯ 2024 އާއި ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވެފައިވުމުން، މިފަހަރު ފްރާންސް ނިކުންނާނީ ބަދަލުހިފުމުގެ ރޫޙެއްގައެވެ. މި މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްރާންސްއެވެ. އުނދަގޫ މެޗަކަށް ވާނީ ސްޕެއިން މެޗެވެ. އެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ތަށި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިތުރަށް





.gif.gif&w=828&q=100)