logologologologo
STO
ޚަބަރު

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް؛ އަނިޔާވި 5 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް؛ އަނިޔާވި 5 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 02

ހުޅުމާލޭގެ ފްލެޓެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެޕާޓްމަންޓް އެއްކޮށް އަނދައި، ދިރިނޫޅެވޭ ވަރަށް ގެއްލުންވެއްޖެއެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކި ގޮތްގޮތުން އަނިޔާވެގެން 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ބުނި ގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފްލެޓް ނަންބަރު 110 އެއްގައެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 01:10 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔަރ ފައިޓަރުން ކުރި ހިތްވަރުގަދަ މަސައްކަތުން، އެޕާޓްމަންޓް ތެރޭގައި ރޯވެފައިހުރި އަލިފާންގަނޑު 13 މިނެޓް ތެރޭގައި، އެއީ ދަންވަރު 01:23 ހާއިރު އެއްކޮށް ނިއްވާލާފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، އަލިފާން ރޯވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި ބަހައްޓާފައި ހުރި 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓްގައި ދިވެހި އާއިލާއެއްގެ ޖުމްލަ 7 މީހުން ދިރިއުޅެމުންދިޔައެވެ. ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ފަރުވާދެމުންދާ 5 މީހުންގެ ތެރޭގައި ހިމެނެނީ 2 ކުޑަކުދިންނާއި 3 ބޮޑެތި މީހުންނެވެ. މީގެ ތެރެއިން އެކެއްގެ ހާލަތު ތަންކޮޅެއް ސީރިއަސްއިރު، އޭނާގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.

އަލިފާނުގެ ސަބަބުން އެޕާޓްމަންޓް އެއްކޮށް ހަލާކުވެ، އެތަނަކީ މިހާރު ދިރިއުޅެން ރައްކާތެރި ތަނަކަށް ނުވާތީ، އެންޑީއެމްއޭއިން ވަނީ އެ އާއިލާއާ ހަވާލުވެފައެވެ. އެ އޮތޯރިޓީން ބުނީ ހާލުގައި ޖެހުނު އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯއެއްޗެއްސާއި ޒަރޫރީ އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް