ޒުވާން އިމާމުންނާ ޙާފިޒުންގެ މަހާސިންތާއަށް ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ އަށް ދައުވަތު އަރުވައިފި

ޒުވާން އިމާމުންނާ ޙާފިޒުންގެ މަހާސިންތާއަށް ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ އަށް ދައުވަތު އަރުވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ނިންމައި ސަނަދު އެރުވުމުގެ ރަސްމިއްޔާތަށްފަހު ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން، ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
"ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާ އެއް ބޭއްވުމަށް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުން. މި މަހާސިންތާ ބޭއްވުމަށް ރޭވެމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން." ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް ވިދާޅުވީ މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުން ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 1000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ޙާފިޒުން އުފެއްދުން ކަމަށާއި ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
.jpg&w=3840&q=100)
މީގެއިތުރުން ރާއްޖޭގެ ޙާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރަާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޤުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކޮށް ކްލާސްތައް އިތުރުކޮށްފައިވާއިރު، މި ވަގުތު 2000 އަށްވުރެ ގިނަ ދަރިވަރުން ޙިފްޒު ކުރަމުން ދާ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)