logologologologo
STO
ވިޔަފާރި

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 25

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެކިބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރަން އެމްއެމްއޭއިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި، 28 ޖޫން އިން ފެށިގެން ކުރިއަށް އޮތް 3 މަހު ކޮންމެ ހަފްތާއަކު ބޭންކްތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް 25 އިންސައްތަ އިތުރުކުމަށް ނިންމާފައިވާކަމަށެވެ. 

ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ. 

2026 ވަނަ އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. މިގޮތުން ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއަތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކެވެ. އެމް.އެމް.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ތެލާ، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމް.އެމް.އޭ އިން ވިއްކި ބޭރުފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު (2025 ގެ މިމުއްދަތާ އަޅާބަލާއިރު) 30 އިންސައްތަ އިތުރުވެފައެވެ.

އެމް.އެމް.އޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މި އިތުރުކުރި ކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ވަނީ ބޭރު ފައިސާ މާކެޓް ހަރުދަނާކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ބޭރުފައިސާގެ ޤާނޫނު ތަންފީޒުކުރުމާއި ޤަވާއިދުތަކަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމާއި، އަދި އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހިމެނެއެވެ.

                   

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް