logologologologo
STO
ޚަބަރު

އެމްޑީޕީން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ދެކޮޅުހަދަނީ ވައްކަންކުރުމުގެ ފުރުސަތު ބަންދުވާނެތީ: ޝުޖާ

އެމްޑީޕީން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ދެކޮޅުހަދަނީ ވައްކަންކުރުމުގެ ފުރުސަތު ބަންދުވާނެތީ: ޝުޖާ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 22

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ އިދިކޮޅު އެމްޑީޕީން ދެކޮޅުހަދަނީ، އެ ބިލު ގާނޫނަކަށް ވުމުން ނިޒާމުގެ ތެރެއިން ވައްކަން ކުރުމަށް ހުރި ދޮރުތައް ބަންދުވާނެތީ ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މި ބިލަށް ބަހުސްކުރައްވަމުން ޝުޖާ ވިދާޅުވީ، ޑިޖިޓަލް ބަދަލެއްގެ ވިސްނުމާއި ތަސައްވުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން، މާލޭ ސިޓީގެ މޭޔަރުކަމުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން ތައާރަފުކުރެއްވި ސިޔާސަތެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ކުރިން ކައުންސިލުގެ ހުރިހާ މުހިންމު ލިޔެކިޔުންތަކެއް ހުރީ ކަރުދާހުގައި ކަމަށާއި، ނަމަވެސް "ޑިޖިޓަލް މާލެ" ތަސައްވުރުގެ ދަށުން އެ ތަކެތި ސްކޭންކޮށް ޑިޖިޓަލް އަރުޝީފެއް ގާއިމުކުރެއްވީ އެމަނިކުފާނު ކަމަށް ޝުޖާ ހަނދާންކޮށްދެއްވިއެވެ.

އެމްޑީޕީގެ މެންބަރުން މި ބިލަކީ އިލެކްޓްރޯނިކް ވޯޓިން ނުވަތަ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އިންތިހާބުތައް ބޭއްވުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ ކުރާ ތުހުމަތުތައް ޝުޖާ ވަނީ ދޮގުކުރައްވާފައެވެ.

  • ދޮރުތައް ބަންދުވުން: ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކުރާ ވައްކަންތައް ހުއްޓުވުން ކަމަށާއި، ނިޒާމީ ވައްކަމެއް ކުރާ ދޮރެއް ބަންދުކުރާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ ކަމަށް ޝުޖާ ތުހުމަތުކުރެއްވިއެވެ.
  • އިންސާނުންގެ ދައުރު ކުޑަކުރުން: ކޮރަޕްޝަން މަދުކުރުމަށްޓަކައި ޕްރޮކިއުމަންޓް ފަދަ މުހިންމު ކަންކަމުގައި އިންސާނުންގެ ދައުރު މަދުކުރަންޖެހޭ ކަމަށާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުން އެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުތަކުގައި ރައްޔިތުންގެ ޒާތީ އަދި ހައްސާސް މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓިފައި ނުވާކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ، އޭރު އައިޖީއެމްއެޗްގެ ބަލިމީހުންގެ މައުލޫމާތާއި، ފުލުހުންގެ އިދާރާއަށް ހެކިވެރިންނާއި މުއްތަހަމުން ދީފައިވާ ބަޔާންތައް ލީކުވެފައިވާ ކަމަށެވެ.

ނަމަވެސް، މި ބިލަށް ގާނޫނީ ބާރުވެރިކަން ލިބި، ޖަވާބުދާރީވަނިވި ޑިޖިޓަލް ނިޒާމެއް ގާއިމުވުމުން ރައްޔިތުންގެ އަސާސީ މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ކަމަށް ޝުޖާ ވިދާޅުވިއެވެ. އެހެންކަމުން، މި ބިލު ގާނޫނަކަށް ވުމުން ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ފަދަ ބަޔަކު ވެރިކަމަށް އަޔަސް ވައްކަންކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޝުޖާ ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް