ރައީސް ސޮއިކުރެއްވި، ވޯލްޑްކަޕްގެ ރަސްމީ ބޯޅައެއް އުއްޗުއަށް ހަދިޔާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ، ފީފާ ވޯލްޑްކަޕްގެ ރަސްމީ މެޗް ބޯޅައެއް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ، އުއްޗުއަށް ހަދިޔާކޮށްފިއެވެ.
މި ބޯޅަ އުއްޗުއަށް ހަދިޔާ ކުރީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުންނެވެ. އެ ވުޒާރާއިން ބުނީ އުއްޗުއަށް ހަދިޔާކުރެއްވި ބޯޅައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ އެ ވުޒާރާއަށް ހަދިޔާކުރެއްވި ބޯޅަތަކުގެ ތެރޭގައި ހިމެނޭ ބޯޅައެއް ކަމަށެވެ.
އެ ވުރާޒާގެ ފަރާތުން އުއްޗުއަށް މި ބޯޅަ ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އުއްޗު އަކީ ކުޅިވަރަށް ލޯބިކުރައްވައި ދިވެހިރާއްޖޭގެ ކުޅިވަރަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ފަރާތެކެވެ. ވަކިން ޚާއްސަކޮށް ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި އުއްޗުވަނީ ގިނަ ގުނަ އެހީތަކެއް ދެއްވާފައެވެ. މިގޮތުން ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ފައިސާގެ އިނާމްތައް ދިނުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ސްޕޮންސަރކޮށްދިނުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ ބޯޅައެއް ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވިއިރު، ދާދި ފަހު އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނަށްވެސް ބޯޅަތަކެއް ހަދިޔާކޮށްފައެވެ.
މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ކުޅިވަރު ވުޒާރާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލޭ ސަރަހައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން އާންމުންނަށް ބޮޑު ސްކްރީންގައި މެޗުތައް ބެލުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާއިރު، ކޮންމެ ހުކުރުދުވަހެއްގެ ހަވީރު ޔޫތު ހަބްގައި ހާއްސަ ގޭމިން ކާނިވަލެއްވެސް އަންނަނީ ބާއްވަމުންނެވެ.
އިތުރަށް




.gif.gif&w=828&q=100)