ވޯލްޑް ކަޕް 2026: ކޭންގެ ދެ ގޯލުން ކުރޮއޭޝިއާ ބަލިކޮށް އިންގްލެންޑުން ފެށުން ރަނގަޅުކޮށްފި!

ކެޕްޓަން ހެރީ ކޭންގެ ދެ ގޯލާއެކު، ފޯރިގަދަ ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކުރޮއޭޝިއާ ބަލިކޮށް، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ނުކުތް އިންގްލެންޑުން މިފަހަރުގެ ވޯލްޑް ކަޕްގެ ފެށުން ރަނގަޅުކޮއްފިއެވެ. އެމެރިކާގެ ޑަލަސްގައި ހުންނަ، އެއާކޮންޑިޝަން ކޮށްފައިވާ ޑަލަސް ކައުބޯއީސްގެ ސްޓޭޑިއަމްގައި 70,000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔެ މެޗެކެވެ.
މެޗު ފެށިގެން 12 ވަނަ މިނެޓުގައި އިންގްލެންޑަށް ކުރިހޯދައިދިނީ ހެރީ ކޭންއެވެ. ކުރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އިންގްލެންޑްގެ ނޯނީ މަޑުއޭކޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކޭން ފުރަތަމަ ޖެހުމުން ކުރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއުކުރިއެވެ. ނަމަވެސް، ފްރާންސްގެ ރެފްރީ ކްލެމެންޓް ޓާޕިން ވީއޭއާރް ބެލުމަށްފަހު، ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު ރޮނގުން ކުރިއަށް ނުކުމެފައިވާތީ އަލުން ޕެނަލްޓީ ޖަހަން އެންގިއެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ކޭން ވަނީ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ކުރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އިންގްލެންޑްގެ މިޑްފީލްޑުން ހެދި ގޯހެއްގެ ފައިދާ ނަގައި، މާޓިން ބަޓުރީނާ ވަނީ ހިތްގައިމު ގޯލެއް ޖަހައިފައެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ޑެކްލަން ރައިސް ނެގި ކޯނަރަކުން ހެރީ ކޭން ބޮލުން ޖަހައި އިންގްލެންޑަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނެވެ. މި ގޯލާއެކު ކޭން ވަނީ ވޯލްޑް ކަޕް ތާރީޚުގައި އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ގޭރީ ލިނެކާގެ ރެކޯޑާ (10 ގޯލު) ހަމަކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ 5 ވަނަ މިނެޓުގައި، އިންގްލެންޑްގެ ޑިފެންޑަރުންނަށް ހެދުން ގޯހެއްގެ ފައިދާ ނަގައި، ކުރޮއޭޝިއާގެ ޕެޓާ މޫސާ ވަނީ ގޯލެއް ޖަހައި ފުރަތަމަ ހާފު 2-2 އިން އެއްވަރުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމް ވަނީ ހިތްގައިމު ދުވުމަކަށްފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން އިންގްލެންޑަށް ތިންވަނަ ފަހަރަށް ކުރިހޯދައިދީފައެވެ.
މި ގޯލަށްފަހު އިންގްލެންޑަށް ލީޑު ފުޅާކުރަން ކޭން، ބެލިންގްހަމް އަދި ނިކޯ އޯރައިލީއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ކުރޮއޭޝިއާއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރަޝްފޯޑް ވަނީ އިންގްލެންޑްގެ 4 ވަނަ ގޯލު ޖަހައި، ޓީމަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުން ކުރޮއޭޝިއާ އަތުން ބަލިވުމުގެ ބަދަލު އިންގްލެންޑުން މިވަނީ ހިފާފައެވެ. އިންގްލެންޑުން މިފަހަރު ނުކުމެ ހުރީ 1966 ގެ ފަހުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އެގައުމަށް ހޯދައިދިނުމުގެ އަޒުމުގައެވެ.
އިތުރަށް





.gif.gif&w=828&q=100)