އެމްބާޕޭގެ ދެ ގޯލާއެކު، ފްރާންސްއިން އިރާގު ބަލިކޮއްފި

މޫސުން ގޯސްވުމުގެ ސަބަބުން ދެ ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މެޗު މެދުކަނޑާލަން ޖެހުނު ނަމަވެސް، ކީލިއަން އެމްބާޕޭގެ ދެ ގޯލާއެކު 3-0 އިން އިރާގު ބަލިކޮށް ފްރާންސުން ވޯލްޑް ކަޕްގައި ދެވަނަ މޮޅު ހޯދައިފިއެވެ.
މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު، ވޯލްޑް ކަޕްގެ ތާރީޚުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 16 މެޗުން 16 ލަނޑަށް އަރާފައެވެ. މިއާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ ރޭގެ ވަގުތެއްގައި ރެކޯޑު މުގުރާލި އާޖެންޓީނާގެ ލިއޮނަލް މެސީއެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގުގުރުމާއި ވިދުމުގެ ސަބަބުން މެދުކަނޑާލަން ޖެހުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފު ނިމުނުތަނާ މެޗު މެދުކަނޑާލަން ޖެހުނުއިރު، ދެވަނަ ހާފުގެ ކުޅުން އަލުން ފެށުނީ ދެ ގަޑިއިރަށްވުރެ ބޮޑަށް ލަސްވި ފަހުންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ފްރާންސުން ވަނީ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮއްފައެވެ. އޭރިއާ ރޮނގުމަތިން ލިބުނު ބޯޅައެއް ވައަތުން ގޯލުގެ ކަނަށް ފޮނުވާލައިގެން ފްރާންސަށް މި ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ދިގު މެދުކެނޑުމަކަށްފަހު ފެށުނު ދެވަނަ ހާފުގައި، އިރާގުގެ ކީޕަރު އަހުމަދު ބާސިލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
އޭގެ ފަހުން، މައިކަލް އޮލީސޭ ބޭރު ފައިން ދިން ހިތްގައިމު ރީތި ޕާހަކުން ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ. މިއީ ބޮޑު މުބާރާތެއްގައި ޑެމްބެލޭ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އިރާގުގެ ކެޕްޓަން އަދި ފޯވާޑް އައިމަން ހުސައިންއަށް ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، މެޗުގެ ފަހު 20 މިނެޓުގައި އިރާގަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ ފަހުކޮޅު އެމްބާޕޭއަށް އޭނާގެ ހެޓްރިކް ފުރިހަމަކުރަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިން ބޭރަށެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް އަމާޒު ހިފާފައިވާ ފްރާންސް މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އިރާގު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.
އިތުރަށް





.gif.gif&w=828&q=100)