logologologologo
STO
ކުޅިވަރު

ވޯލްޑް ކަޕް 2026: މެސީގެ ތާރީޚީ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި!

ވޯލްޑް ކަޕް 2026: މެސީގެ ތާރީޚީ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 17

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ހެނދުނު ކުޅުނު ފޯރިގަދަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން 0-3 ގެ ނަތީޖާއަކުން އަލްޖީރިއާ ބަލިކޮށް، މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.

އެމެރިކާގެ މިސޫރީގެ ކަންސަސް ސިޓީގައި ހުންނަ 'ގެހާ ފީލްޑް އެޓް އެރޯހެޑް' ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ވޯލްޑް ކަޕްގެ ތާރީޚުގައި މި ދެ ގައުމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2007 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް 4-3 އިން ކުރިހޯދީ އާޖެންޓީނާއެވެ. ވޯލްޑް ކަޕްގައި 19 ވަނަ ފަހަރަށް ވާދަކުރާ އާޖެންޓީނާއަކީ ތިން ފަހަރު (1978، 1986 އަދި 2022) މުބާރާތުގެ ތަށި އުފުލާލާފައިވާ ބާރެކެވެ. އަނެއްކޮޅުން ފަސްވަނަ ފަހަރަށް މުބާރާތުގައި ކުޅޭ އަލްޖީރިއާއަށް ވޯލްޑް ކަޕެއްގައި އެންމެ ދުރަށް ދެވިފައިވަނީ 2014 ވަނަ އަހަރުގެ ގަދަ 16 ގެ ބުރަށެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް އަވަސް ކުޅުމެކެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ލައުޓަރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގޯލެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ބޯޅައެއް ކަމަށެވެ. އޭގެ ތިން މިނެޓު ފަހުން، މެޗުގެ 8 ވަނަ މިނެޓުގައި އަލްޖީރިއާގެ ފަރެސް ޗައިބީ ވަނީ އާޖެންޓީނާގެ ގޯލަށް ބޯޅަ ވައްދާލައި ސަޕޯޓަރުން ސިއްސުވާލާފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެއީ ވެސް އޮފްސައިޑް ލަނޑެއް ކަމަށް ނިންމައި ގޯލު ބާތިލްކޮށްފައެވެ.

އޭގެ މާގިނައިރުތަކެއް ނުވެ، މެޗުގެ 17 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. އުމުރުން 38 އަހަރުގެ ލިއޮނަލް މެސީ މި ލަނޑު ކާމިޔާބުކުރީ ރޮޑްރިގޯ ޑި ޕައުލް ތަނަވަސްކޮށްދިން ބޯޅައެއްގައި، އަލްޖީރިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރުގަދަ ހަމަލާއަކުންނެވެ. މިއީ މެސީ ގައުމީ ޓީމަށް ޖަހައިދިން 118 ވަނަ ލަނޑެވެ. އަދި ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މި ލަނޑަށްފަހު އަލްޖީރިއާއިން އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް، އާޖެންޓީނާގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މެޗުގެ 61 ވަނަ މިނެޓުގައި އާޖެންޓީނާގެ ލީޑު ފުޅާކޮށްދިނީ ވެސް މެސީއެވެ. އެލެކްސިސް މެކަލިސްޓާ ފޮނުވާލި ބާރު ހަމަލާއެއް އަލްޖީރިއާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު، މެސީ ވަނީ ވަރަށް ހުށިޔާރުކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އާޖެންޓީނާއިން މެޗުގެ ކޮންޓްރޯލް ދަމަހައްޓަމުން ގޮސް، މެޗުގެ 76 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ 0-3 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑަކީ ނިކޯ ގޮންޒާލެސް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މި ހެޓްރިކާއެކު މެސީ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު 120 އަށް އެރިއިރު، ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 16 އަށް އަރާފައެވެ. މި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޖަރުމަނުގެ މަޝްހޫރު ފޯވާޑް މިރޮސްލަވް ކްލޯޒްގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ދެ ޓީމުން ވެސް އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، އާޖެންޓީނާގެ ވަރުގަދަ ބެކްލައިން ފޫއަޅުވާލަން އަލްޖީރިއާއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

މި މޮޅާއެކު ގްރޫޕްގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ އާޖެންޓީނާއެވެ. މި ގްރޫޕުގައި ދެން ހިމެނޭ އުރުދުން އާއި އޮސްޓްރިއާ ބައްދަލުކުރާ ފޯރިގަދަ މެޗު މިއަދު ހެނދުނު 9:00 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް