ވޯލްޑް ކަޕް 2026: 28 އަހަރުގެ ދިގު އިންތިޒާރަށްފަހު، ނޯވޭއިން އިރާގު ބަލިކޮށް ފެށުން ރަނގަޅުކޮށްފި!
.webp&w=1080&q=100)
އަށާވީސް އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު، ފީފާ ވޯލްޑް ކަޕްގެ މައިދާނަށް އެނބުރި އައިސް އީރާގާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ނޯވޭއިން މިރޭ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ބޮސްޓަންގައި ހުންނަ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި ވާދަވެރި މެޗު ނޯވޭއިން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. ކޯޗު ސްޓޭލް ސޮލްބަކަންގެ އިރުޝާދުގެ ދަށުން ނުކުތް ނޯވޭ ޓީމަށް މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު މިވަނީ ވަރަށް ބޮޑުވެފައެވެ.
ދުނިޔޭގެ ފެންވަރުގެ ތަރިން ހިމެނޭ ނޯވޭ ޓީމުން މެޗު ފެށީ ވަރަށް އެގްރެސިވްކޮށް، އިރާގުގެ ބެކްލައިނަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ޑޭވިޑް މޮލާ ވޯލްފް ނަގައިދިން ރީތި ހުރަހަކުން، އެ ގައުމުގެ ތަރި ފޯވާޑް އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހައި ނޯވޭއަށް މެޗުގެ ލީޑު ނަގައިދީފައެވެ. ނަމަވެސް، 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ އިރާގުން އުންމީދު ކަނޑައެއް ނުލައެވެ. އެ ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމާއެކު، މެޗުގެ 35 ވަނަ މިނެޓުގައި އެ ގައުމުގެ ކެޕްޓަން އައިމަން ހުސައިން ވަނީ ލަނޑެއް ކާމިޔާބުކޮށް، އިރާގަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމެން ދަނިކޮށް، އިރާގުގެ ޑިފެންސަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނޯވޭއިން ހިފިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ހާލަންޑް ވަނީ ހުށިޔާރުކަމާއެކު އޭނާގެ ދެވަނަ ލަނޑު ޖަހައި، ނޯވޭއަށް އަލުން މެޗުގެ ކުރިހޯދައިދީފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-2 އިން ނޯވޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑްގެ ހިތްގައިމު ކުޅުމާއެކު ނޯވޭއިން މުޅި މެޗުގެ ކޮންޓްރޯލް އަތްދަށަށް ގެނައެވެ. އިރާގުން ކައުންޓަ އެޓޭކުތަކުގައި ނޯވޭގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް، ނޯވޭގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް އެ ޓީމަކަށް ނުވިއެވެ. ނޯވޭގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ފެނިގެންދިޔައީ އޮޑެގާޑް ނަގައިދިން ފުރިހަމަ ކޯނަރަކުން ލިއޯ އޮސްޓިގާޑް ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގައި އިރާގުގެ ކެޕްޓަން އައިމަން ހުސެއިން އަތުން ބައިކޮށް ވަތް ލަނޑާއެކު، ނޯވޭއަށް ތިން ގޯލުގެ ބޮޑު ލީޑެއް ލިބި، މެޗުގެ ނަތީޖާ 1-4 އަށް ބަދަލުވިއެވެ.
އިރާގުން މެޗުގައި ރަނގަޅު ރޫހެއްގައި ކުޅެ، ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ނޯވޭގެ ހުނަރުވެރި ތަރިންގެ ތަޖުރިބާގެ ކުރިމަތީގައި އެ ޓީމަށް އިތުރު ހައްލެއް ނުހޯދުނެވެ. މި ގްރޫޕް "އައި" ގައި ހިމެނޭ ދެވަނަ މެޗުތަކަށް ބަލާއިރު، ކުރިއަށް އޮތް ބުރުގައި ނޯވޭ ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. އަދި ފުރަތަމަ މެޗުން ބަލިވި އިރާގަށް ދެން އޮތީ މާ ބޮޑު ގޮންޖެހުމެކެވެ. އެ ޓީމު ދެން ކުރިމަތިލާން ޖެހޭނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ.
އިތުރަށް





.gif.gif&w=828&q=100)