logologologologo
STO
ޚަބަރު

ރައީސް ޞާލިޙްގެ އިތުބާރު ޓީމަށް މެޖޯރިޓީ ލިބުނީ އެންމެ އަތޮޅަކުން

ރައީސް ޞާލިޙްގެ އިތުބާރު ޓީމަށް މެޖޯރިޓީ ލިބުނީ އެންމެ އަތޮޅަކުން
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 13

އިއްޔެ ބޭއްވި އެމްޑީޕީ ޗެއާޕާސން އިންތިޚާބުގައި ރައީސް ޞާލިޙްގެ އިތުބާރު ޓީމަށް މެޖޯރިޓީ ލިބުނީ އެންމެ އަތޮޅަކުންކަން ވަގުތީ ނަތީޖާއިން ހާމަވެއްޖެއެވެ.

އާންމުވެފައިވާ ވަގުތީ ނަތީޖާ ޝީޓުން އެނގޭ ގޮތުގައި ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ އިތުބާރު ޓީމަށް މެޖޯރިޓީ ލިބުނީ ރައީސް ޞާލިޙްގެ އުފަން އަތޮޅު ކަމުގައިވާ ޅ. އަތޮޅުން އެކަންޏެވެ. ބާކީ ހުރިހާ އަތޮޅެއްގެ އިތުރުން ހުރިހާ ސިޓީއަކުން ވެސް މެޖޯރިޓީ ހޯދާފައި ވަނީ ރައީސް ނަޝީދުއެވެ.

ޅ. އަތޮޅުން ނަޝީދުއަށް 423 ވޯޓު ލިބިފައިވާއިރު، އިތުބާރު ޓީމުގެ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަޞީމަށް ވަނީ 547 ވޯޓު ލިބިފައެވެ.

"ބޮޑު ބަދަލު" ގެ ސްލޯގަންއާއެކު މި އިންތިޚާބުގައި ވާދަ ކުރެއްވި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރިން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވަނީ ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ.

އެގޮތުން ރައީސް ނަޝީދުއަށް ޖުމްލަ 20،943 ވޯޓު އަދި މީކާއީލްއަށް 9،251 ވޯޓު ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. މި 2 ބޭފުޅުންގެ އިތުރުން ދެން ވާދަ ކުރެއްވި ފަރާތަށް ލިބުނީ އެންމެ 169 ވޯޓެވެ.

އިތުބާރު ޓީމުގައި ރައީސް ޞާލިޙްގެ އިތުރުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ރީކޯ މޫސާ މަނިކް އަދި އެމްޑީޕީގެ މަޖިލީސް މެމްބަރުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.

50 ހާހަށްވުރެ މެމްބަރުން ގިނަ ކަމަށް އެޕާޓީން ބުނެފައިވާއިރު މި އިންތިޚާބުގައި ވޯޓުލާފައި ވަނީ 30،626 މީހުންނެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ 6 ވަނަ އިންތިޚާބެވެ. 

މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ފުރަތަމަ ޗެއާޕާސަން ރައީސް ނަޝީދުގެ އިތުރުން މާރިޔާ އަޙުމަދު ދީދީ، ރީކޯ މޫސާ މަނިކު، ޢަލީ ވަޙީދު، ޙަސަން ލަޠީފް ހިމެނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް