ވޯލްޑް ކަޕް 2026: ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަރު؟

މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނުކުންނަ ޕޯޗުގަލް ގައުމީ ޓީމުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ، އެ ގައުމުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. މިއަކީ އޭނާގެ ކެރިއަރުގެ 6 ވަނަ އަދި އެންމެ ފަހު ވޯލްޑް ކަޕްކަޕެވެ. ފީފާ ރޭންކިންގގެ 5 ވަނައިގައި އޮތް ޕޯޗުގަލްއަކީ މުބާރާތުގެ ތަށި ހޯދާނެ ކަމަށް ބެލެވޭ ވަރުގަދަ ސްކޮޑެއް އޮތް ޓީމެކެވެ.
ޕޯޗުގަލް ޓީމު މިއަހަރުގެ މުބާރާތާ ކުރިމަތިލަނީ ފުން ހިތާމައެއްގައެވެ. އެއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި އެ ޓީމުގެ މުހިންމު ފޯވާޑް ޑިއޭގޯ ޖޮޓާގެ ވަކިވުމުގެ ހިތާމައެވެ.
ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ޖޮޓާގެ ހަނދާނުގައި ޓީމުގެ ސްކޮޑަކީ "27 ކުޅުންތެރިން + 1" ކަމަށް ސިފަކުރައްވާފައެވެ. އަދި ޕޯޗުގަލް ޓީމުން މިއަހަރު ކުޅޭނީ ޖޮޓާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް އަދި އާ ރެކޯޑުތައް
އުމުރުން މިހާރު 41 އަހަރުގެ ރޮނާލްޑޯއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު (143 ލަނޑު) ޖަހާފައިވާ ކުޅުންތެރިޔާއެވެ. ނަމަވެސް، ފަހަކަށް އައިސް ބޮޑެތި މުބާރާތްތަކުގައި އޭނާގެ ފަރާތުން ފެންނަ ކުޅުން ވަނީ ދަށްވެފައެވެ. 2022 ގެ ވޯލްޑް ކަޕްގައި ޖެހުނީ އެންމެ ލަނޑެކެވެ. އަދި ޔޫރޯ 2024 ގައި އެއްވެސް ލަނޑެއް ނުޖެހެއެވެ.
މީގެ އިތުރުން އެމެރިކާގެ ހޫނު މޫސުމުގެ ސަބަބުން އޭނާގެ ފިޓްނަސް ހިފެހެއްޓުމަކީ ކޯޗަށް އޮތް ގޮންޖެހުމެކެވެ. އެހެންނަމަވެސް، ރޮނާލްޑޯއަށް ޕޯޗުގަލްގެ ލެޖެންޑް ޔޫސެބިއޯ ވޯލްޑް ކަޕްގައި ޖަހާފައިވާ 9 ލަނޑުގެ ރެކޯޑު މުގުރާލަން ބޭނުންވަނީ އެންމެ 2 ލަނޑެވެ.
އެންމެ ވަރުގަދަ މިޑްފީލްޑް
ޕޯޗުގަލްގެ އެންމެ ބޮޑު ބާރަކީ އެ ޓީމުގެ މެދުތެރެއެވެ.
- ބްރޫނޯ ފެނާންޑޭޒް: މެންޗެސްޓާ ޔުނައިޓެޑާއެކު މި ސީޒަނުގައި 21 އެސިސްޓް ހަދައި، އެންމެ މޮޅު ފޯމުގައި ހުރި ކުޅުންތެރިޔާއެވެ.
- ވިޓީނިއާ: ޕީއެސްޖީގެ މި ކުޅުންތެރިޔާ ވަނީ 2025 ވަނަ އަހަރުގެ ބެލޮންޑޯ ހޮވުމުގެ 3 ވަނަ ހޯދާފައެވެ.
- ޖޮއާއޯ ނެވޭސް: އުމުރުން އެންމެ 21 އަހަރުގެ މިޑްފީލްޑަރަކީ ޔޫރަޕްގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ.
މީގެ އިތުރުން ބެނާޑޯ ސިލްވާ އަދި ފްލޭންކްތަކުން ހަމަލާދޭ ރަފައެލް ލެއާއޯ އަކީވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
ޕޯޗުގަލްގެ ފުލް ސްކޮޑް
- ގޯލްކީޕަރުން: ޑިއޭގޯ ކޮސްޓާ، ހޯސޭ ސާ، ރޫއި ސިލްވާ، ރިކާޑޯ ވެލްހޯ.
- ޑިފެންޑަރުން: ރޫބެން ޑިއާޒް، ޖޮއާއޯ ކަންސެލޯ، ޑިއޭގޯ ޑަލޯ، ނޫނޯ މެންޑޭޒް، ނެލްސަން ސެމެޑޯ، މަތެއުސް ނޫނޭޒް، ގޮންސާލޯ އިނާސިއޯ، ރެނާޓޯ ވޭގާ، ތޯމަސް އަރައުހޯ.
- މިޑްފީލްޑަރުން: ބްރޫނޯ ފެނާންޑޭޒް، ބެނާޑޯ ސިލްވާ، ވިޓީނިއާ، ޖޮއާއޯ ނެވޭސް، ރޫބެން ނެވޭސް، ސާމު ކޮސްޓާ.
- ފޯވާޑުން: ކްރިސްޓިއާނޯ ރޮނާލްޑޯ، ރަފައެލް ލެއާއޯ، ޖޮއާއޯ ފީލިކްސް، ގޮންސާލޯ ރާމޮސް، ޕެޑްރޯ ނެޓޯ، ފްރަންސިސްކޯ ކޮންސެއިސާއޯ، ގޮންސާލޯ ގޭޑޭޒް، ފްރަންސިސްކޯ ޓްރިންކާއޯ.
އިތުރަށް





.gif.gif&w=828&q=100)