ވޯލްޑް ކަޕަށް ދިޔަ ސޯމާލިއާގެ ރެފްރީއެއް އެމެރިކާއަށް އެތެރެވުން މަނާކޮށްފި

މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮމްޕެޓިޝަނުގައި ބައިވެރިވުމަށް އެމެރިކާއަށް ދިޔަ ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އަރުތާން އެ ގައުމަށް އެތެރެވުން މަނާކޮށްފިކަން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން (ޑީއެޗްއޭސް) ކަށަވަރުކޮށްދީފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، ވޯލްޑް ކަޕްގެ 52 ރެފްރީންގެ ތެރޭގައި ހިމެނޭ އަރުތާން މިދިޔަ ހޮނިހިރު ދުވަހު ފްލޮރިޑާއަށް ދިއުމުން، ސެކިއުރިޓީ ބެލުމުގެ ތެރެއިން އޭނާއަކީ އެމެރިކާއަށް އެތެރެވުމުގެ ހުއްދަދެވޭނެ މީހެއް ނޫންކަމަށް ނިންމައި ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެއެވެ.
އުމަރު އަރުތާން އަކީ ވޯލްޑް ކަޕް މެޗެއް އޮފިޝިއޭޓް ކުރާ ފުރަތަމަ ސޯމާލިއާގެ ރެފްރީގެ ޝަރަފް ހޯދުމަށް ދަތުރުކުރި، އެފްރިކާގެ އެންމެ މޮޅު އެއް ރެފްރީއެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާއި، އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް މުބާރާތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ސޯމާލިއާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.
މިކަމާ ގުޅިގެން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމްއިއްޔާގެ ޑެޕިއުޓީ ޑިރެކްޓަރު އެޑްވަރޑް އަހުމަދު މިޗެލް ވިދާޅުވީ، މީހެއްގެ ނަސްލަށް ނުވަތަ ގައުމަށް ބަލާފައި އެމެރިކާއަށް އެތެރެވުން މަނާކޮށްގެން ނުވާނެ ކަމަށާއި، މިއީ އެމެރިކާގެ ގާނޫނުތަކާއި އަގުތަކަށް ދެވޭ ހަމަލާއެއް ކަމަށެވެ.
މި މުބާރާތުގައި ވިސާގެ މައްސަލަ ކުރިމަތިވެފައިވަނީ ހަމައެކަނި ސޯމާލިއާގެ ރެފްރީއަކަށް ނޫނެވެ.
- އީރާން ގައުމީ ޓީމު: ވިސާގެ މައްސަލަތަކާ ހުރެ އީރާން ޓީމަށް މަޖުބޫރުވެފައިވަނީ މެކްސިކޯގައި ކޭމްޕް ކުރާށެވެ. އެމީހުންނަށް އެމެރިކާއަށް އާދެވޭނީ ހަމައެކަނި މެޗު ކުޅޭ ވަގުތަށެވެ. އަދި މެޗު ނިމުމާއެކު އެނބުރި މެކްސިކޯއަށް ދާންޖެހެއެވެ. އީރާން ޓީމުގެ ބައެއް ސްޓާފުންނަށް އެމެރިކާގެ ވިސާ އެއްގޮތަކަށްވެސް ނުލިބެއެވެ.
- އައިސް (ICE) އެޖެންޓުންގެ ބިރުވެރިކަން: ނިއުޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީ ވަނީ ވޯލްޑް ކަޕް ތެރޭގައި ސިޓީގެ ތެރެއަށް އިމިގްރޭޝަން އެޖެންޓުން (ICE) ގިނަކުރަން ޓްރަމްޕް ސަރުކާރުން ރާވާފައިވާ ރޭވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފުޓްބޯޅައަކީ މުހާޖިރުންގެ ކުޅިވަރެއް ކަމަށާއި، ބިރުވެރިކަން އުފައްދަން ފުރުސަތު ނުދޭނެ ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު މޮގަދިޝޫގައި އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އުމަރު އަރުތާން ބުނެފައިވަނީ، ސޯމާލިއާގައި އޮތް ދާޚިލީ ހަމަނުޖެހުންތަކާއި ދަތިތަކާއެކުވެސް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި، ގައުމުގައި ބޮންގޮއްވުންތައް ހިނގާތީ ދަނޑަށް ދިއުމަށްޓަކައި ބައެއް ފަހަރު ދާނެ މަގު ބަދަލުކުރަންވެސް ޖެހެއެވެ.
"ރެފްރީއެއްގެ ގޮތުގައި އުއްމީދު ކަނޑާލައިގެން ނުވާނެ. އަމާޒެއް އޮންނަންވާނެ. އަހަރެންގެ އަމާޒަކީ ވޯލްޑް ކަޕް. އެއީ ފަސޭހަ މަސައްކަތެއް ނޫން. އެތަނަށް ދާން ބޭނުންނަމަ ހަނގުރާމަކޮށްގެންވެސް ކުރިއަށްދާންޖެހޭނެ،" އުމަރު އަރުތާން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފީފާ (FIFA) އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބުނީ ވޯލްޑް ކަޕްގައި ބައިވެރިވާ އެތުލީޓުންނާއި ރެފްރީންނަށްވެސް އެމެރިކާގެ ބޯޑަރުތަކުގައި އަމަލުކުރާނީ އާންމު ހަރުކަށި އުސޫލުތަކުގެ ދަށުން ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)