ބީއެމްއެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެ، ކްރެޑިޓް ރޭޓިންއެއް ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ވަރުގަދަކަމާއި، މާކެޓުގައި އޮތް އިސް މަގާމުގެ އިތުރުން އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން އެ ބޭންކަށް ވަރުގަދަ ކްރެޑިޓް ރޭޓިންއެއް ދީފިއެވެ.
މި ބަދަލާއެކު ފިޗުން ވަނީ "ބީއެމްއެލްގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިން" (IDR) "CCC" ގައި ކަނޑައަޅާފައެވެ. އަދި ބޭންކުގެ މާލީ ކުރިމަގު ނުވަތަ އައުޓްލުކް ވަނީ "ސްޓޭބަލް" (ބަދަލެއް ނައިސް އެއްވަރެއްގައި ހިފެހެއްޓިފައިވާ) ހާލަތެއްގައެވެ.
މީގެ އިތުރުން، ރާއްޖޭގެ ގައުމީ ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު ކަނޑައަޅާފައިވަނީ 'CCC+' ގައެވެ. މިއީ ދިވެހި ދައުލަތުގެ ސޮވަރިން ކްރެޑިޓް ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ. ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފިޗުން ދިން މި ރޭޓިންއިން ހާމަކޮށްދެނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރުވެސް، ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަމާއި އެތެރޭގެ ހިންގުން ބާރުގަދަކަން ކަމަށެވެ.
ރޭޓިން މަތިވުމަށް މެދުވެރިވި ސަބަބުތައް
ބީއެމްއެލްގެ ރޭޓިންއަށް މި ފާހަގަކޮށްލެވޭ ކުރިއެރުން ލިބުނީ ދިވެހި ދައުލަތުގެ ސޮވަރިން ރޭޓިންގް 'CC' އިން 'CCC' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިން މަތިކުރަން ފިޗުން ނިންމި މައިގަނޑު ސަބަބުތަކަކީ:
- ސުކޫކް ދައްކާ ޚަލާޞްކުރުން: މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދައްކަންޖެހިފައި އޮތް 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވުން.
- އާމްދަނީގެ އިސްލާހީ ފިޔަވަޅުތައް: ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން ފެށި ހަރުދަނާ އިސްލާހީ މަސައްކަތްތައް.
- ބޭރު ފައިސާގެ ގާނޫނު: ރާއްޖޭގެ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި މުހިންމު ބަދަލުތަކާއި ތަންފީޒީ ސިޔާސަތުތައް.
ބޭންކުގެ ރައުސްމާލާއި ހިންގުމުގެ ހަރުދަނާކަން
ފިޗްގެ ރިޕޯޓުގައި ބީއެމްއެލްގެ ރޭޓިން ވަރުގަދަވުމުގެ އެންމެ މުހިންމު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޭންކުގެ ރައުސްމާލު (Capital) ބޭނުންތެރި މިންވަރެއްގައި ހުރުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކެއް ގެންގުޅޭކަމުގެ ހެއްކެކެވެ. މީގެ ސަބަބުން ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަމާއި ލޯނުތައް ފޯރުކޮށްދެމުންވެސް، ބޭންކުގެ އަމިއްލަ މާލީ ރައްކާތެރިކަން މަތީ މިންގަނޑެއްގައި ހިފެހެއްޓެއެވެ.
"ފިޗްގެ މި ވަޒަންކުރުމަކީ ބީއެމްއެލްގެ މާކެޓް ލީޑަޝިޕާއި މާލީ ގޮތުން ދައްކަމުން އަންނަ ހަރުދަނާ ނަތީޖާތަކުގެ އަގުވަޒަންކުރުމެއް. މިއީ ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް ސާބިތުކަމާއެކު ކުރިއަށް ދިއުމުގެ ގާބިލުކަން ބޭންކަށް ލިބިފައިވާކަން ބަލައިގަތުން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއިން އިގުތިސާދީ ބޮޑެތި އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނަ މި ދަނޑިވަޅެއްގައި، ބީއެމްއެލްއަށް ލިބުނު މި ކްރެޑިޓް ރޭޓިންއިން އެނގެނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި، ގައުމުގެ ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމަށްޓަކައި ގައުމީ ބޭންކުގެ ދައުރު ކޮންމެހެންވެސް މުހިންމުވާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)