logologologologo
STO
ދުނިޔެ

އެމެރިކާއަށް ވޯލްޑް ކަޕް ބަލަންދާ ސަޕޯޓަރުންނަށް ބޮޑެތި ހުރަސްތަކެއް!

އެމެރިކާއަށް ވޯލްޑް ކަޕް ބަލަންދާ ސަޕޯޓަރުންނަށް ބޮޑެތި ހުރަސްތަކެއް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 08

މިއަހަރުގެ ޖޫން މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ގައުމުގެ ސަޕޯޓަރުންނަށް، އެމެރިކާގެ ދަތުރުފަތުރުގެ މަނާކުރުންތަކާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން މުބާރާތް ބަލަން ދިއުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެ، ސަޕޯޓަރުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިއްޖެއެވެ. ބީބީސީ ވޯލްޑް ސާވިސްއިން ދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކުރުމަށްފަހު ހާމަކުރި ގޮތުގައި، މުބާރާތުގައި ވާދަކުރާ ގިނަ ގައުމުތަކެއްގެ ސަޕޯޓަރުންނަށް ވަނީ އެމެރިކާއަށް އެތެރެވުމުގެ ވިސާ ދިނުން މަނާކޮށް ނުވަތަ ވިސާ ރިޖެކްޓްވުމުގެ ނިސްބަތް އިންތިހާއަށް މަތިވެފައެވެ.

މިގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަތުރުފަތުރު މަނާކުރާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ހަތަރު ގައުމެއް މިއަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރެއެވެ. އެއީ ހައިޓީ، އީރާން، ސެނެގާލް އަދި އައިވަރީ ކޯސްޓެވެ. މި ގައުމުތަކުގެ ރައްޔިތުންނަށް ސަޕޯޓަރުންގެ ގޮތުގައި އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ޓޫރިސްޓް ވިސާ ދޫކުރުން ވަނީ މަނާކޮށްފައެވެ. އައިވަރީ ކޯސްޓުގެ ސަޕޯޓަރުންގެ އެސޯސިއޭޝަނުގެ އިސްވެރިއެއް ކަމަށްވާ ޖޫލިއަން ކުއާޑިއޯ އަޑޮނިސް ބުނިގޮތުގައި، މިއީ އެއްވެސް ޔޫރަޕްގެ ގައުމަކަށް ކުރިމަތިނުވާ ފަދަ ނަސްލީ އިމްތިޔާޒެއް ނުވަތަ ވަކިބަޔަކު އެކަހެރިކުރުމުގެ އަމަލެކެވެ. އަދި ސަޕޯޓަރުންނަށް މަރުހަބާ ކިޔަން ބޭނުންނުވާ ގައުމަކަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ޓްރެވަލް ބޭން ލިސްޓުގައި ނުހިމެނޭ ގައުމުތަކަށްވެސް ވަނީ އެހެނިހެން ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާއިން ވަނީ އިރާގުގައި ހުންނަ އެ ގައުމުގެ ކޮންސިއުލާ ހިދުމަތްތައް ސަލާމަތީ ސަބަބުތަކަށްޓަކައި މެދުކަނޑާލާފައެވެ. މީގެ ސަބަބުން، އިރާގުގެ ސަޕޯޓަރެއް ކަމަށްވާ އަބްދުﷲ އަދުނާން، އޭނާގެ ގައުމު ބޮސްޓަން އަދި ފިލަޑެލްފިއާގައި ކުޅޭ މެޗުތަކުގެ ޓިކެޓް ގަނެ، ވިސާ އިންޓަވިއުއަށް އުރުދުންއަށް ދަތުރުކުރުމުންވެސް، އޭނާއަކީ އުރުދުންގެ ރައްޔިތަކަށް ނުވާތީ ވިސާ ވަނީ ނުލިބިފައެވެ. މި ދަތުރަށް އޭނާގެ 1,800 ޑޮލަރު ބޭކާރުވެފައިވާއިރު، އިރާގުން ވޯލްޑް ކަޕަށް ކޮލިފައިވީ ތާރީޚުގައި އެންމެ ދެވަނަ ފަހަރަށެވެ.

ބީބީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވި 48 ގައުމުގެ ތެރެއިން 11 ގައުމެއްގެ (އޭގެ ތެރޭގައި މިސްރު، އުރުދުން، އަލްޖީރިއާ، އެކުއެޑޯ އަދި އުޒްބެކިސްތާން ހިމެނޭ) ވިސާ ރިޖެކްޝަން ރޭޓް ނުވަތަ ވިސާ ބޭންކުރާ ނިސްބަތް އުޅެނީ 40 އިންސައްތައަށްވުރެ މަތީގައެވެ. އުރުދުންގެ ސަޕޯޓަރުންގެ އެސޯސިއޭޝަނުގެ ރައީސް އަބޫ ކާސް ބުނިގޮތުގައި، އޭނާ 42 ލިޔެކިޔުމާއެކު އިންޓަވިއުއަށް ދިއުމުންވެސް ވިސާ ވަނީ ރިޖެކްޓްކޮށްފައެވެ. "މިއީ އަހަރެމެންގެ (އަރަބިންގެ) ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ އަމިއްލަ މުބާރާތެއް،" ނުރުހުމާއެކު އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، ދުނިޔޭގެ އެކި ކޮޅުތަކުން އަންނަ ސަޕޯޓަރުންނަށް މަރުހަބާ ކިޔަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ކެނެޑާ އާއި ވިސާ ނުލާ ދަތުރުކުރެވޭ 42 ގައުމުގެ ސަޕޯޓަރުންނަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި، ކޮންމެ ވިސާ އެޕްލިކޭޝަނެއްވެސް ވަކިވަކިން ބަލައި، އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރާނެ ކަމަށެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ކަންބޮޑުވަނީ ވިސާގެ މުއްދަތު ހަމަވުމަށްފަހު ގައުމުގައި ގަވާއިދާ ހިލާފަށް މީހުން އުޅެދާނެތީއެވެ.

މި މުބާރާތުގެ ބައެއް މެޗުތައް ކެނެޑާ އަދި މެކްސިކޯގައި ކުޅުނު ނަމަވެސް، ޖުމްލަ 104 މެޗުގެ ތެރެއިން 78 މެޗު (ފައިނަލް މެޗާއެކު) ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. ކެނެޑާ އާއި މެކްސިކޯގައި ދަތުރުފަތުރުގެ ބޭންތަކެއް ނެތް ނަމަވެސް، އެ ގައުމުތަކުގެ އެމްބަސީތައް ބައެއް ކޮލިފައިވި ގައުމުތަކުގައި (މިސާލަކަށް ކޭޕް ވާޑޭ، ޑީއާރު ކޮންގޯ، އީރާން) ނެތުމުގެ ސަބަބުން ބަޔޯމެޓްރިކްސް ހެދުމާއި ވިސާ ހޯދުމުގައި އެ ގައުމުތަކަށް ދާން ބޭނުންވާ ސަޕޯޓަރުންނަށްވެސް ބޮޑެތި ލޮޖިސްޓިކަލް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް