logo
logo
2024: ދަތި އުނދަގޫތަކާއެކުވެސް ރައީސް ދެއްކެވީ ކެތްތެރިކަމާއެކު ނަތީޖާ ނެރުއްވާނެކަން

2024: ދަތި އުނދަގޫތަކާއެކުވެސް ރައީސް ދެއްކެވީ ކެތްތެރިކަމާއެކު ނަތީޖާ ނެރުއްވާނެކަން

2024 ޑިސެމްބަރު 31
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ނިމެމުންމިދާ 2024 ވަނަ އަހަރަކީ ރިޔާސީ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް ހުރިހާ ވެރިންނަށް ކުރިމަތިވި ޗެލެންތަކަށްވުރެ ގިނަ ޗެލެންޖުތަކާއި މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު އާއި ކުރިމަތިކުރުވި އަހަރަކަށެވެ. ގައުމުގެ މާލީ ހާލަތުއޮތް ހާލަތެވެ. އިޖުތިމާއީ ފޭރާން ވީދިފައި އޮތް އޮތުމެވެ. މިނިވަންކަމާ ސިޔާދަތާ ދެމެދު ރައްޔިތުން އުފައްދަމުން އައި ސުވާލެވެ.

އަނދަވަޅަކަށް ވެއްޓިފައިއޮތް އިގްތިސާދުކޮޅަށް ޖެހުމަށް މުހިންމު މަސައްކަތްތަކެއް

ރައީސް ޑރ މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އެމަނިކުފާނަށް ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު އެއް ޗެލެންޖަކީ ގޯސް ހާލަތެއްގައި އޮތް ރާއްޖޭގެ އިގްތިސާދީ ހާލަތު އަދި މާލީ ހާލަތެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެވެ. ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމަށްވުރެ 124 އިންސައްތަ މައްޗަށް ގޮސްފައި އޮތްއިރު، ދައުލަތުން އާންމު ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކައި ހުރި ބިލުތައް 9 ބިލިއަން ރުފިޔާއަށް އަރަ އެވެ. ލޯނުތައް ދައްކަން ކުރާ ހަރަދު އެތައް ގުނައެއް އޮތީ އިތުރުވެފަ އެވެ. އަންނަ އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ލޯނު ދެއްކުމަށް ހަރަދުވާނެ އެވެ. ޖެހިގެން އަންނަ 2026 ގައި އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. މާލީ ގޮތުން ދަތިތައް ގިނަ ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ އަމާޒު ހިފީ މި ގޮންޖެހުންތަކުން އަރައިގަނެ، ގައުމާއިގެން ކުރިއަށްދެވޭނެ މަގުތަކެއް ހޯދުމަށެވެ. މިކަންކަން ކޮޅެއްގައި ޖެއްސުމަށް ގިނަގުނަ މަސައްކަތްތަކެއް ފެށިގެން ވަނީ ގޮސްވައެވެ.

ރާއްޖޭގެ އިގްތިސާދު އަބަދުވެސް ބަރޯސާވެފައި މިއޮންނަނީ ފަތުރުވެރިކަމަށް އެކަންޏެވެ. އާމްދަނީ ގައުމަށް ވަންނާނެ މާ ބޮޑަތި އިތުރުކަމެއް ކުރީގެ ސަރުކާރުތަކުން ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ވެރިކަމުގެ ކުރީ ކޮޅުގައި މި ސަރުކާރުން ތަފާތު ދެއްކިއެވެ. އެއް ސިނާއަތަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އިގްތިސާދު ސިންތަފާތު ކުރުމަށް ބަންކަރިންގެ ހިދުމަތް ރާއްޖޭގެ އުތުރުގައި ވަނީ ފައްޓަވާފައެވެ. މިކަމުން ރާއްޖޭއަށް ވަންނަ ބޭރުފައިސާގެ މިންވަރު އިތުރުވެގެންދާނެއެވެ. މީގެއިތުރުން އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް މާލީ ހިދުމަތްތައް ދޭނެ މަރުކަޒެއް ގާއިމުކުރައްވައިފި އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ފަންޑުކުރުމަށް ޑިވެލޮޕްމެންޓު ބޭންކަށް ވުޖޫދަށް ގެންނަވައިފި އެވެ. މިއިން ކޮންމެ ކަމަކީ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރާނެ ކަންކަމެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުނުއިރު މާލީ ނިޒާމު އިސްލާހު ކުރުމަށްޓަކައި ޓެކުސް ނިޒާމަށް ގެންނެވި ބަދަލުތަކާއެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުންގެ އަތުން ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި ފަރުދުންގެ އާމްދަނީގެ ޓެކްސްވެސް ބޭރު ފައިސާއިން ނަގަންވަނީ ފެށިފައެވެ. އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ދިވެހި ބޭންކުތަކަށް ވެއްދުމާއި އެ އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް އެމްއެމްއޭއިންވަނީ ނިޒާމު ބަދަލުކޮށްފަ އެވެ.

މިނިވަންކަމާ ސިޔާދަތު ޔަގީންކުރައްވާ ދިފާއީ ހަކަތަ އިތުރުކުރުން

2023 ވަނަ އަހަރު ގިނަ ރައްޔިތުންތަކެއް ރައީސް މުޢިއްޒުއަށް ވޯޓު ދެއްވި މައިގަނޑުއެއް ސަބަބަކީ އޭރުގެ ސަރުކާރުން ގެންގުޅުއްވި ހާރިޖީ ސިޔާސަތެވެ. ވަކިގައުމަކާއި މާބޮޑަށް ގުޅުންބަދަހިކޮށް އެގައުމުގެ ނުފޫޒު ރައްޖޭގެ ދާލިހީ ކަންކަމަށް ފޯރާ ކަމަށް އޭރު ރައްޔިތުން ގަބޫލުކުރުމުންނެވެ. އަދި އެ ގައުމުގެ އަސްކަރިއްޔާގެ މީހުން ރާއްޖޭގައި ހަރަކާތްތެރިވުމާ ގުޅިގެންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެކަންކަން ބަދަލު ކުރެއްވިއެވެ. ހުރިހާ ސިފައިން ފޮނުވާލެއްވުމަށްފަހު މަދަނީ މީހުން އެމީހުންގެ ބަދަލުގައި ގެންނެވިއެވެ. ގެންގުޅުއްވަނީ މެދުމިނުގެ ހާރިޖީ ސިޔާސަތަކެވެ. ހުރިހާ ގައުމަކާވެސް ގުޅުން ރަނގަޅެވެ. އެއްވެސް ގައުމަކާ އަދާވާތްތެރިކަމެއް ނުގެންގުޅުއްވައެވެ. އަދި އެއްވެސް ގައުމަކާއި ދުރުނުވެވޭހާ ގާތެއްވެސް ނުވެއެވެ.

ދިފާއީ ހަކަތަ އިތުރުކުރުމަށް ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީ ކޮޅުގައި ތުރުކީން އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލްތައްވަނީ ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިފައިންނަށް މިހާރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކުރިއަށްވުރެ އެތައް ގުނައެއް ފަސޭހަވާނެ އެވެ. ކޯސްޓު ގާޑާއި އެއާ ކޯގެ ވަސީލަތްތައް ފުޅާކުރައްވައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމުތައް ގާއިމުކުރެއްވުމުގެ ބޮޑު މަސައްކަތް ރައީސްވަނީ އިއުލާނު ކުރައްވާފަ އެވެ. މިއީ ހަމަގައިވެސް މިނިވަން ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބުނު ކުރިއެރުމަކަށް ވާނެއެވެ. ސަބަބަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެކުވެރި އެހެނިހެން ދައުލަތްތަކުގެ މައްޗަށް ބަރޯސާވާންޖެހުމަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް އޮންނަ ހިރާހެއް (ރިސްކެއް)  ކަމަށް އަބަދުވެސް ދިވެހީން އައީ ގަބޫލުކުރަމުންނެވެ.

ކޮރަޕްޝަންގެ އަޑުތަކާއެކު ޖެހިލުން ކުޑަ، އަވަސް ފިޔަވަޅުތަކެއް

ސަރުކާރުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ މައިގަނޑު ސަބަބަކީ އެސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތަކެވެ. އަދި ވެރީންނަށް މިފަދަ ކަންކަމަށް އެއިރަކު ތިއްބަވާ ވެރިންނަށް ފިޔަވަޅު އަޅުއްވަން ކެރިވަޑައި ނުގަންނަވާ ކަމެވެ. ރައީސް މުޢިއްޒު މިކަމުގައި ތަފާތު ދެއްކެވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް އެ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ދެއްވި ޔަގީންކަމަކީ ކޮރަޕްޓް ނުވެ، ސަރުކާރު ހިންގަވާނެ ކަމުގެ ޔަގީންކަމެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދިން މައްސަލަ ފެންމަތިވުމާއެކު، ސަރުކާރުން އެކަން ނެގީ ސީރިއަސްކޮށެވެ. އެކަންކަން ފޮރުވަން ފަސް އަޅުއްވާކަށް ނޫޅުއްވައެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. މައްސަލަ ބަލަމުންދިޔަ ފުލުސް ބޭފުޅާއަށް ފްލެޓް ލިބިފައިވާކަމަށް އަޑު ފެތުރުމުން އޭނާ ވެސް ތަހުގީގުން ބޭރުކުރިއެވެ. ތަހުގީގަށް ނުފޫޒުފޯރުމުގެ ފުރުސަތެއް ނުދެއްވައެވެ.

ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު ކަންތައްތަކެއް

 ޒަމާނުއްސުރެ އަބަދުވެސް ރައްޔިތުންގެ މެދުގައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިމީހުން އެއްރަށުން އަނެއް ރަށަށް އުފުލުމުގައި ހުރި ދަތިތަކެވެ. އެކަން ކުރެވޭނެ ފަސޭހަ މަގެއް ފަހިވެފައި ނެތުމެވެ. މި މައްސަލަ ހައްލު ކުރެއްވުމަށް އެއާރ އެމްބިއުލާންސް ތައާރަފުކުރެއްވިއެވެ. މިއާއެކު ބަލިމީހުން ފަރުވާ ލިބޭނެ ހިސާބަކަށް ގެންދިއުމުގައި އާއިލާތަކުން އުފުލަމުން އައި ތަކުލީފު ކުޑަކުރެވިއްޖެ އެވެ.

ރައީސްގެ ފުރަތަމަ އަހަރަކީ އުދަނގޫ އަހަރެއް ނަމަވެސް ދަތި ހާލަތުގައި ހޯއްދެވި ބޮޑެތި ކާމިޔާބުތަކާއި ގެންނެވި އިސްލާހީ ބަދަލުތަކުގެ މައްޗަށް ބިނާކޮށް މި އަހަރަށްވުރެ މާ އުފާވެރި އަހަރުތަކެއް މުސްތަގުބަލުގައި ލިބޭނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އިގްތިސާދު ރީފޯމްކޮށް ބޭސްފަރުވާގެ ކަންކަމަށް ރަނގަޅު އިންތިޒާމެއް ހަމަޖެހި ވީދިފައިއޮތް އިޖުތިމާއީ ފޭރާން އަލުން އިއާދަކުރަން ރައީސް އެކުރައްވާ ގައުމީ މަސައްކަތް ރައްޔިތުން ބަލައިގަންނާނެއެވެ.

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް