ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފި

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.
"ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ"، ގެ ނަމުގައި މި ފާމަސީ ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ސަރަހައްދުގައެވެ.
މި ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.
ބޭސް ކުންފުނިން ބުނީ ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، އެ ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.
މި ފާމަސީއިން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ޤާއިމްކޮށްފައެވެ. މި ނިޒާމުގެ ދަށުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން އައިޖީއެމްއެޗް އާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި، ފަރުވާއަށް ބޭނުންވާ ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ކުންފުނިން ދަނީ ވަމުންނެވެ.
ބޭސް ކުންފުނީގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން އެ ކުންފުނިން ދަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ "ސްޓޭޓް ފާމަސޫޓިކަލް" ގެ ނަމުގައި ބޭސް ކުންފުނި އުފެއްދެވީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
އިތުރަށް





.gif.gif&w=828&q=100)