logologologologo
STO
ޚަބަރު

މެދުއިރުމަތީ ހަނގުރާމައާ ހުރެ ރާއްްޖެއިން ތެލަށް ކުރާ ހޭދަ %110 އިތުރުވެ، މަހަކު 116 މިލިއަން ޑޮލަރު ޚަރަދުވަނީ!

މެދުއިރުމަތީ ހަނގުރާމައާ ހުރެ ރާއްްޖެއިން ތެލަށް ކުރާ ހޭދަ %110 އިތުރުވެ، މަހަކު 116 މިލިއަން ޑޮލަރު ޚަރަދުވަނީ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 19

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ސަރުކާރުން ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ 110 ޕަސެންޓް އިތުރުވެ، މިހާރު މަހެއްގެ މައްޗަށް 116 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާ) ޚަރަދުކުރަންޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބަލަދަލުވުމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވުމުގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރަން މަހަކު ހޭދަވަނީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލި، މިދިޔަ މާޗު މަހުން ފެށިގެން މި ޚަރަދު ވަނީ މަހަކު 116 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އިތުރުވި 61 މިލިއަން ޑޮލަރެވެ.

އަޙްމަދު ޢަލީ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ހަނގުރާމަ އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާތީ، ކުރިއަށް އޮތް ތަނުގައި ތެލުގެ ޚަރަދު މިއަށްވުރެ ވެސް މަތިވުން އެކަށީގެންވެއެވެ.

ރާއްޖެއަކީ އަމިއްލަ ފިއުލް ރިޒާވެއް ނެތް، އަދި ބޭރުން އެތެރެކުރާ ތެލަށް މުޅިން ބަރޯސާވާ ގައުމަކަށް ވުމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ސީދާ ރާއްޖެއަށް ކުރެއެވެ. ޚާއްސަކޮށް، ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތަ ހިއްސާކުރަނީ އޮމާނުން ކަމަށްވާއިރު، މެދުއިރުމަތީގެ މަސްރަހު ގޯސްވުމުން ޝިޕްމެންޓްތަކަށް ބުރޫއެރުމުގެ ބިރު ބޮޑެވެ.

އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދިވެހި ސަރުކާރުން މިހާރު ވަނީ އޮމާނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެހެން ގައުމުތަކުން ތެޔޮ ލިބޭނެ ގޮތްތައް ހޯދަން ފަށާފައެވެ.

މިގޮތުން، މެދުއިރުމަތީގެ ހަނގުރާމައާ ހުރެ ތެޔޮ ބޭރުކުރުން މީގެ ކުރިން ހުއްޓާލުމަށްފަހު، ޗައިނާއިން މި މޭ މަހު ވަނީ ބައި މިލިއަން ޓަނުގެ ތެޔޮ އެހެން ގައުމުތަކަށް ބޭރުކުރުމުގެ ހުއްދަ ދީފައެވެ. ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން މިގޮތަށް ތެޔޮ ވިއްކަން ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ނިއުޒިލެންޑް ހިމެނެއެވެ. މީގެ ތެރެއިން 40 ޕަސެންޓަކީ ޑީސަލާއި ޖެޓް ފިއުލްއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ، ބޭރުގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ރާއްޖޭގައި ހުރި އިޔާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

ތެލުގެ ޚަރަދު އިންތިހާއަށް ބޮޑުވި ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މިފަދަ ކާރިސާގެ ވަގުތުތަކުގައި ބޭނުންކުރާނެ "ގައުމީ ތެލުގެ ރިޒާވެއް" ރާއްޖޭގައި ގާއިމްކުރުމުގެ ދިރާސާތައް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް